މޯލްޑިވްސް ޕޮލިސް ސާވިސް

މަކާރާއި ހީލަތު ފައިސާ ހޯދި ބިދޭސީއަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމަށްފަހު ފިލައިގެން އުޅޭ ބިދޭސީ ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ އެމްޑީ އާރިފް ހޮސެން، ބަންގްލަދޭޝް، (29އ) އެވެ.

ފުލުހުން ބުނީ އާރިފް ހޯދަނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުން ކުރާ ތަހުގީގަކަށް ހާޒިރުކުރަން ބޭނުންވާތީ ކަމަށެވެ.

އާރިފް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އާރިފަށް އަންގާ ކޮށްފައިވާ އާންމު އިއުލާންގައި ބުނެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ފުލުހުންގެ މައި މަރުކަޒު -- ޝަހީދު ހުސައިން އާދަމް ބިލްޑިން ނުވަތަ އޭނާ ހުރި ރަށަކާ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުށްތަކަށް އަރައިގަތުން އާންމުވަމުންދާއިރު ކުށްކުރުމަށް ފިލައިގެން އުޅޭ ބިދޭސީންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.