ދިރާގު

ފޯރިގަދަ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިމަހުގެ 27 ވަނަ ދުވަހު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް -- ޑީއެމްއާރްއާރް ފެށުމަށް އެންމެ ނުވަ ދުވަހަށްވެއްޖެ އެވެ.

މި ރޭހަކީ ރާއްޖޭގައި ބާއްވާ މިފަދަ ރޭސްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވާ އެންމެ ފޯރިގަދަ ރޭހެވެ. މި އަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ދިރާގުން ބުނި ގޮތުގައި 4،000 އަށްވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ އެވެ.

މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯ މީޓަރު އަދި 10 ކިލޯމީޓަރު ދުވުންވެސް އޮންނާނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ މިއަހަރުގެ ޕާޓްނަރުން

  • ގޯލްޑް ޕާޓްނަރު: ޔުނިސެފް މޯލްޑިވްސް
  • ހޯސްޓިން ޕާޓްނަރު: އާބަންކޯ
  • ސެކިއުރިޓީ އެންޑް ސޭފްޓީ ޕާޓްނަރު: ދިވެހި ފުލުހުންގެ ހިދުމަތް
  • މެޑިކަލް ޕާޓްނަރު: ޓްރީ ޓޮޕް ހޮސްޕިޓަލް
  • ފަސްޓް އެއިޑް ޕާޓްނަރު: މޯލްޑިވިއަން ރެޑް ކްރެސެންޓް

ދިރާގު ރޯޑް ރޭހަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ ދުވުމެކެވެ.

މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާޓްނަރެއްގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފަ އެވެ.

މި ޕާޓްނަރުން ދަނީ ދުވުންތެރިންނަށް ރޭސް ދުވަހަށް ތައްޔާރުވުމަށް ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ.

ދިރާގުން ބުނި ގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރޭހަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ.

މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ރޭހުގެ އިތުރު މައުލޫމާތު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.