މަހާޒް އަލީ ޒާހިރު

މަހާޒް ލިޔުއްވި ޤުރުއާން ތަފްސީރު ފޮތެއް ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިޔުއްވި ޤުރުއާން ތަފްސީރުގެ ފުރަތަމަ ފޮތް ނެރެފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ދިމާކޮށް ނެރެއްވި "ކީރިތި ޤުރުއާނުގެ ޙުލާސާ ތަފްސީރު" މި ފޮތުގައި 444 ސޮފުހާ ހިމެނެ އެވެ.

މި ފޮތާއި ގުޅޭ ގޮތުން މަހާޒްގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުން މި މަސައްކަތް ފެށުނީ 2015 ވަނަ އަހަރު މަހާޒްގެ ކޮއްކޮ ނިހާޒު ނެރުނު "ޤުރުއާން އެމްވީ" މޮބައިލް އެޕްލިކޭޝަންގެ ސަބަބުންނެވެ.

އެ އެޕްލިކޭޝަނަކީ ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އާންމުންނަށް ގެނެސްދިނުމަށް ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް މަހާޒްގެ ބްލޮގުގައިވެ އެވެ.

މަހާޒްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން އެޕްލިކޭޝަނާ ގުޅޭ ގޮތުން އެކި ކަހަލަ ހިޔާލުތަކާއި ޝަކުވާތައްވެސް ލިބުނެވެ.

"މި ހިޔާލުތައް ލިބެން ފެށުމުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އިސްލާހުކޮށް މުރާޖަޢާ ކުރުމުގެ ހިޔާލު އައެވެ. އަދި ކީރިތި ޤުރުއާނުގެ އައު ތަރުޖަމާއެއް ދިވެހިންނާ ހަމައަށް ގެނެސް ދިނުމުގެ ހިޔާލު ވެސް ކުރެވުނެވެ." މަހާޒްގެ ބްލޮގުގައިވެ އެވެ.

މަހާޒްގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މި މަސައްކަތުގައި ތަފްސީރު ފޮތްތައް ކިޔައި ހެދުމުން ކުރީގެ ވިސްނުން ބަދަލު ކުރަން މަޖުބޫރުވި އެވެ.

"ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށިއެވެ. އާޔަތްތަކުގެ މާނަ ގެނެސް ދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިންމު ކަމެއް ކަމުގެ އިހުސާސްވާން ފެށިއެވެ." މަހާޒް ވިދާޅުވި އެވެ.

މި ތަފްސީރު ނިމޭއިރު ހަ ވޮލިޔުމް އޮންނާނެ ކަމަށާއި ކޮންމެ ފަސް ފޮތަކީ ވޮލިއުމެއް ކަމަށް މަހާޒް ވިދާޅުވި އެވެ.