މަސްވެރިކަން

63،000 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި

ރާއްޖެއިން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 63،071.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.2 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއިން މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 59،952.4 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިއަހަރު އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ.

އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 44،102 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 42،966 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.

ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ރީނދޫ އުރަހަ ކަންނެލީގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް 7،534 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން ބޭރުކުރި ނަމަވެސް މި އަހަރު އެ އަދަދު ހުރީ 6،454 މެޓްރިކް ޓަނުގަ އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 10،613 މެޓްރިކް ޓަނުގެ މަސް މިއަހަރު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ.