ލައިފްސްޓައިލް

ހިމޭން ދުނިޔޭގައި ކުލަ ޖައްސާ މިސް

  • އަޑުއިވުމުން މަހުރޫމްވެފައި ތިބޭ ކުދިނަށް ފަޒްނީ މިސްގެ އެހީ ބޮޑު
  • މި ދާއިރާއިން ވަނީ ތައުލީމް ހާސިލްކޮށްފައި
  • ގައުމީ އެވޯޑުތައް ވެސް ވަނީ ހާސިލްކޮށްފަ

އާއްމު މީހަކަށް އޭނާގެ ވާހަކަ ނޭނގިދާނެ އެވެ. އެ ހަރަކާތްތައް ފަހުމް ނުވެދާނެ އެވެ. އެކަމަކު މިއީ ރާއްޖޭގައި ހުރި އެންމެ މުހިންމު އެކަކޭ ވެސް ބުނެވިދާނެ އެވެ. މި ހިދުމަތްތެރިއަކީ އަޑުއިވުމުން މަހުރޫމްވެފައި ތިބޭ މީހުންނާއި ކުދިންގެ ހަމަހިމޭން ދުނިޔޭގައި ކުލަ ޖައްސައިިދޭ މީހާ އެވެ. އަޑުއިވުމުން މަހުރޫމްވެފައި ތިބޭ މީހުންގެ ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތުން ވާހަކަ ދެއްކުމުގައި މަރިޔަމް ފަޒީ ، އާއްމު ނަމުންނަަމަ "ފަޒްނީ މިސް" ގެ ހިދުމަތް އެނގޭ ހެއްޔެވެ؟

"އަހަރެމެންގެ މުޖުތަމައުގައި ނުކުޅެދުންތެރިކަން ވަށާލާފައިވާ ހަރުކަށި ވިސްނުމެއް އޮވޭ. ނުކުޅެދުންތެރިކަމޭ ބުނީމަ ގިނަ ފަހަރަށް އަހަރެމެން ބައެއް މީހުންގެ ހިތުގައި އުފެދެނީ ނުތަނަވަސްކަމެއް. ބުނެދޭން ނޭނގޭ ހަމަހިމޭން ބިރުވެރިކަމެއް،" ފަޒްނީ މިސް ބުންޏެވެ.

"ފަހަރުގައި އެފަދަ މީހަކު ފެނުމުން؛ އެއީ އަހަންނަށް ވީނަމަ އުޅޭނީ ކިހިނެއްހޭ ހިތަށް އެރުމުން ހަމްދަރުދީ ވެސް އުފެދި ދާނެ. އެކަމަކު ގިނަ ފަހަރަށް ނުކުޅެދޭ މީހަކު ފެނުމުން، އެ ހަމްދަރުދީ ވެސް ދައްކަން ބޭނުން ނުވެފައި ކުއްލިއަކަށް ކޮނޑު އަނެއް ފަރާތަށް އަނބުރާލެވެނީ. އެކަން ބަދަލުކުރަން ވެއްޖެ،" މިއީ ރާއްޖޭގައި ތިބި އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންގެ "ހަމަހިމޭން ދުނިޔެ" އުޖާލާކުރަން ގިނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ، މިސްގެ އިހުސާސްތަކެވެ.

ފަޒްނީ އަކީ އަބަދު ވެސް ކިޔަވައިދޭން ބޭނުންވި ޒުވާނެކެވެ. އުނގަންނައި ދިނުމުގެ ދާއިރާ އަށް އޭނާއަށް ލޯބި އުފެދިގެން ދިޔާއީ ސްކޫލު ދައުރުގަ އެވެ. އެހެންވެ ސްކޫލް ނިމުމުން ކޮމްޕިއުޓާ ޑިޕްލޮމާއެއް ހާސިލުކޮށްގެން ފުރަތަމަވެސް ފެށީ ކިޔަވައިދޭށެވެ. ކޮމްޕިއުޓާ އިންސްޓްރަކްޓާއެއްގެ ގޮތުގައި ސީއައިޓީއެމް ގައި މަސައްކަތް ކުރަމުންދަނިކޮށް ލިބުނު ފުރުސަތެއްގެ ބޭނުންކޮށްގެން ޖަމާލުއްދީން ސްކޫލުން އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާ އޭނާ ހޯދި އެވެ.

ކިޔަވައިދޭން ހުރި ޝައުގެއްގެ ބޮޑުކަމުންނާއި ސަރުކާރު ވަޒީފާއެއް ހޯދުމުގެ ރޭހުގައި އުމުރުން އެންމެ 21 އަހަރުގައި ޖަމާލުއްދީން ސްކޫލު، ފަޒްނީގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެވެ. އެންމެ ފުރަތަމަ ވަދެވުނު ކްލާހުން ވެސް އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަޑުއިވުމުގެ ނުކުޅެދުންތެރި ކަމެއް އަދި ވާހަދެއްކުމުގެ ދަތިކަމެއް ހުރިނަމަވެސް އެ ކުދިން ކިޔަވަމުން ދިޔަ ގޮތާއި ވާހަކަދައްކަމުން ދިޔަ ބަހުރުވައަކީ މީގެ ކުރިން އޭނާ ދަންނަ ބަހުރުވައެއް ނޫނެވެ. "އިޝާރާތް ބަހެވެ". އެކަމަކު މިއަދު އޭނާ ހުރީ އެ ކުދިންގެ ހައްގުގައި ދެވުނު އެންމެ ދުރަކަށް ދާން ތައްޔާރަށެވެ. އެ ކުދިންނަށްޓަކައި ހިތް ޚަލާސްކޮށްގެންނެވެ.

"އެއް ދުވަހަކު ރައްޓެއްސަކު ދިމާވެގެން އަހާލީ ބޭނުންހޭ ޖަމާލުއްދީނުން ވަޒީފާ އެއް. އަޅުގަނޑު ބުނެފިން ވަގުތުން އާނ އެކޭ. ބުނީމަ ބުނެފި ސްކޫލުން އެބަ އޮތޭ އެސިސްޓެންޓް ޓީޗާ އަކަށް އިއުލާނު ކޮށްފަ. އިންޓްރެސްޓް ހުރިއްޔާ ޖޮއިން ކުރަންވީ ނޫންހޭ. ހަމަ އެދުވަހު އަޅުގަނޑު ބުނެފިން އާނ އެކޭ، އެކަމަކު އޭރަކު ނޭނގެ އަޅުގަނޑު ކިޔަވައިދޭންޖެހެނީ އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ކަމެއް. ޑެފް ކޮމިއުނިޓީ ތެރެއަށް ވަދެވުނު ހިސާބަކީ އެއީ،" އަޑު އިވުމުން މުރޫމްވެފައިވާ ކުދިންނާއެކު ފަޒްނީގެ ހަޔާތް ފެށުނު ގޮތް ކިޔައިދިނެވެ.

ފަޒްނީގެ ނަން ނޭނގުނަސް ޓީވީ ބަލާ އެއްވެސް މީހަކަށް އޭނާގެ މޫނު އަލެއް ނުވާނެ އެވެ. ބައެއް ހަބަރު ގަޑިތަކުގައި ޓީވީގެ އެއްކަނެއްގައި ހުންނަ ކުޑަ ގޮޅިއެއްގައި ނިކަން ހުނަރުވެރިކަމާއެކު އަތުގެ އިޝާރާތުން ހަބަރު ގެނެސްދޭން ހުންނަ އިރު އެ ފެންނަ ދެ މީހުންގެ ތެރެއިން އެކަކީ ފަޒްނީ އެވެ. ދުލަށް ވުރެ އޭނާގެ އިނގިލިތައް ފަރިތަ އެވެ. ދައްކާ ހަރަކާތްތައް ސާފުވެފައި ފުރިހަމަ އެވެ. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

"ވަޒީފާގެ ފުރަތަމަ ދުވަހު އަޅުގަނޑު މި ބެހެއްޓީ ކްލާސް ޓީޗަރާ އެކު އެހީތެރިވާ ޓީޗަރެއްގެ ގޮތަށް. އޭރުވެސް ނޭނގެ މީ މި ކަހަލަ ކުދިން އުޅޭ ކްލާހެއް ކަމެއް. ދެން ކްލާހަށް އަޅުގަނޑުމެން ވަންތަނާ ކުދިންތައް އަތުން އެކި ހަރަކާތްކުރަން ފެށީ. އަޅުގަނޑު ހުރީ ހައިރާންވެފަ. ހިތައްއެރި މީއީ ހާދަ ތަފާތު ރީތި ބަހެކޭ. އަޅުގަނޑަށް ހުރެވުނީ ވިސްނާލަން ވެސް ނޭނގިފަ. އެކަމަކު ކުދިން އެގޮތަށް ހަރަކާތްކޮށް ވާހަކަދައްކަން މަސައްކަތް ކުރާތަން ފެނުމުން އެ ކުދިންގެ ގޮތްތައް އެނގެން އަޅުގަނޑު ޝައުވެރިވި. ދެން އެ ހިސާބުން ފެށިގެން ހިތަށް އެރި މިކަން ދަސްކުރާނަމޭ،" އުފާވެރި ދުވަހެއްގެ ތަސްވީރެއްހެން ޖަމާލުއްދީން ސްކޫލުގެ ފުރަތަމަ ދުވަސް ފަޒްނީ މިސް ސިފަކޮށްލި އެވެ.

އެއްވެސް ތަމްރީނެއް ނެތި، ޖަމާލުއްދީން ސްކޫލުގެ އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންގެ ކްލާހަކަށް ކިޔަވައިދިނުން ވީ ފަޒްނީއަށް ފުރަަތަމަ ގޮންޖެހުމަކަށެވެ. ފުރަތަމަ ދުވަހުގެ ރަސްމީ ގަޑި ނިންމާލުމަށްފަހު ޔޫޓިއުބް ބަލައިގެން އަތުން އަކުރުތައް ސްޕެލް ކުރަން ދަސްކުރި އެވެ. ނަމަވެސް އިޝާރާތުން ވާހަކަ ދެއްކުން ވީ "ޔޫޓިއުބުން" ބަލައިގެން އެންމެ ދުވަހަކުން ކުރެވޭ ވަރަށްވުރެ ބޮޑުމަސައްކަތަކަށް ކަމަކަށެވެ.

" ފުރަތަމަ ދުވަހު އަޅުގަނޑު ހެދިގޮތަކީ ގެއަށްގޮސް، އޭ އިން ޒެޑަށް ވަކި އަކުރުތައް ދަސްކުރީ އިޝާރާތުން ބުނަން. ހުންނާނެ އެއް އަތުން ކުރާ އިޝާރާތާއި ދެ އަތުން ކުރާ އިޝާރާތް. އާންމުކޮށް ދެއަތުން އަކުރުތައް ބޭނުންކުރާނީ ބްރިޓިޝް މީހުން. އެމެރިކާ މީހުން އެއް އަތުން އަކުރުތައް އިޝާރާތް ކުރާނީ. ދެން އަޅުގަނޑު ދެވަނަ ދުވަހު މި ދިޔައީ ދެ ގޮތަށް ވެސް މި ބޭނުންކުރާ ބޭސިކް ސައިންތައް ދަސްކޮށްގެން. ވަރަށް އުފާވެފަ ހުރެ އަނެއް ދުވަހު ކްލާހަށް އައިސް ވާހަކަދައްކަން ފަށައިފިން ފިންގާ ސްޕެލް [އިނގިލީގެ އިޝާރާތް] އިން. އެކަމަކު ކުދިންނަކަށް ނޭނގުނު އަޅުގަނޑު މި ކުރާ ކަމެއް. އަސްލު ވީގޮތަކީ އަކުރުތަކަށް ވަކި އިޝާރާތެއް އިންނަ ގޮތަށް ވަކި ބަސްތަކަށް ވެސް ވަކި އިޝާރާތްތަކެއް މި ހުންނަނީ،".

އިޝާރާތުން ވާހަކަ ދައްކަން ފަޒްނީ އަށް ފުރަތަމަ ލިބުނު ތަމްރީނަކީ ސްކޫލުން ހިންގި ޕްރޮގްރާމެކެވެ. އެއީ އަލަށް ވަންނަ މުދައްރިސުންނަށް އެ ސްކޫލުން ހިންގާ ޕްރޮގްރާމެކެވެ. ކުލާހުގައި ވަރަށް ގިނަ ވަގުތު ޝައުގުވެރިކަމާ އެކު ޑިކްޝަނަރީ އާއި ކުދިންނާ އެކު ކުރި މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ފަރިތަކޮށް ވާހަކަދައްކަން ދަސްކޮށްލެވުނު ކަމަށް ފަޒްނީ ބުންޏެވެ.

"ރާއްޖޭގައި ވަރަށް ބޮޑު ގޮންޖެހުމަކަށްވޭ، އެކަހަލަ ދާއިރާއަކަށް އަލަށް ވަންނައިރު އިރުގަ، ކުރުމުގެ ކުރިން ކިޔެވޭނެ އެއްވެސް ތަނެއް ނުހުރުމަކީ. ހާއްސަކޮށް އޭރުގަ. ހަމަ އެއްވެސް ތަނަކުން ނުހުރޭ ސައިން ލޭންގުއޭޖް ކިޔެވޭކަށް. އެހެންވީމަ އޭރު ވާގޮތަކީ އަޅުގަނޑު އެކަމަށް އިންޓްރެސްޓު ހުރި ވަރުން، މަގުމަތިން ދާއިރު ގެއެއްގެ ނަމެއް ފެނުނަސް، ފިހާރައެއްގެ ނަން ފެނުނަސް އިނގިލިން ސްޕެލް ކޮށްލެވޭ. އަތް ތިރީގަ ހުއްޓަސް ހަމަ ދާނެ ދެން މިހެން ހިތަށް އަންނަ އެއްޗިހި ވެސް ސްޕެލް ކުރަމުން. ފިންގަރ ސްޕީޑަކީ އަބަދުވެސް އެކަމަށް ޕްރެކްޓިސް ބޭނުންވާ ކަމެއް،"

އެހެންވީމަ ފަޒްނީ މިސް އަކީ ވާހަކަ ނުދެއްކޭ މީހެކޭ ހީވިއަސް އެއީ މައްސަލައެއް ނޫނެވެ. އޭނާ ފުރަތަމަ ފެންނަ މީހުންނަށް އެގޮތަށް ހީވާއިރު ޖަމާލުއްދީން ސްކޫލުގެ ބައެއް ކުދިންވެސް ހީކުރަނީ އެހެންނެވެ.

އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް އެހީތެރިވެދީ، އެފަދަ ކުދިންނަށް ތައުލީމުދޭން "މޯލްޑިވްސް ޑެފް އެސޯސިއޭޝަން"ގެ ނަމުގައި އުފެއްދި ޖަމިއްޔާއަކީ ފަޒްނީގެ ބޮޑު އިސްނެގުމެއްގެ މަތިން 2008 ވަނަ އަހަރު ރަޖިސްޓްރީ ކުރި ޖަމިއްޔާ އެކެވެ. ޑެފް ކުދިންނަށް މުޖުތަމައުގައި ގަދަރުވެރި ދިރިއުޅުމެއް ލިބޭނެ މަގު ފަހިކުރުމަށް ފަޒްނީ ދެކެމުން އައި ހުވަފެނުގެ ބިންގާ އެޅުނީ އެހިސާބުންނެވެ. އޭގެ ފަހުން، ދެން ފެށުނީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ އަޑުނީވޭ ކުދިންނަށް، އެއް ބަހުރުވަޔަކުން ވާހަކަ ދެއްކޭނެ ގޮތް ހެދުމަށް 2010 ވަނަ އަހަރު ތައާރަފްކުރި ސައިން ޑިކްޝަނަރީ އެކުލަވާލުމުގެ މަސައްކަތެވެ. އެ ޑިކްޝަނަރީ އަކީ ކޮޕީއެއް ނޫނެވެ. އެއީ އޮރިޖިނަލް ދިވެހި އުފެއްދުމެކެވެ.

"އަޅުގަނޑު ޖަމާލުއްދީން އަށް ކިޔަވަދޭން ފެށި އިރު ސައިންސް މާއްދާ ނަގައިދޭން ޖެހުނީ. އެ ކަހަލަ ބައެއް މާއްދާތަކުގައި އެބަހުރޭ ވަރަށް ބޮޑެތި ބަސްތައް. އެ ބަސްތަކަށް ސައިން ތަކެއް ނުހުރޭ އޭރު. ދެން ކޮންމެ އެއްޗަކަށް ފިންގަ ސްޕެލްކުރުމަކީ ވަރަށް ދަތިކަމެއް، ކުދިންނަށްވެސް އަދި އަޅުގަނޑައްވެސް އެއީ ވަރަށް އުނދަގޫ ކަމަކަށް ވަނީ. އެހެންވެ ޑެފް އެސޯސިއޭޝަން އުފެއްދުމަށްފަހު އަޅުގަނޑުމެން މަސައްކަތް ކުރީ ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އުފަންކުރަން. އެ ޑިކްޝަނަރީގައި ހުންނާނީ ހަމަ މުޅިންވެސް ރާއްޖޭގެ ސައިން ތަކެއް. އެއީ 500 ބަހުގެ ޑިކްޝަނަރީ އެއް. 2010 ވަނަ އަހަރު ޑިކްޝަނަރީ ނެރުނީ. މިހާރު ޑެފް ކުދިންނަށް ކިޔަވައިދޭ ހުރިހާ ތަނެއްގައި ބޭނުންކުރާނީ އެ ޑިކްޝަނަރީ،"

އަޑު ނީވޭ ކުދިންނާ އެކު ނުވަ އަހަރު ހޭދަކުރި އިރު، އެކުދިންގެ ހަމަހިމޭން ދުނިޔެއަށް ވަނުމަށް 2007 ވަނަ އަހަރު ނިންމި ނިންމުމަކީ މިހާތަނަށް އޭނާ ނިންމި އެންމެ މުހިއްމު އެއް ނިންމުން ކަމަށް ފަޒްނީ ބުންޏެވެ. އޭނާގެ ނުވަ އަހަރުގެ ތަޖުރިބާ އާމެދު ފަޒްނީ ބުނީ، "އިންތިހާއަށް އުފާވެރި ދުވަހެއް" ކަމަށެވެ. ދިމާވާ އެކި ކަންކަމުގައި ކޮންމެ ދުވަހަކު ދަރިވަރުން ދައްކާ ވާހަކަތައް އޭނާ އަށް އެންމެ ފުރިހަމައަށް ދޭހަވާ ކަމަށް ފަޒްނީ ބުންޏެވެ.

" މި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ލިބުނީމަ އަޅުގަނޑު ހިތަށް ފުރަތަމަ ވެސް އެރި މީހާދަ ރީތި ބަހެކޭ މިކުދިން މި ބޭނުންކުރަނީ. އެކުދިންގެ އިނގިލިތައް އެ ފަރިތަކަމާ އެކު ހަރަކާތް ކުރާ މަންޒަރު ހާދަ ރީއްޗޭ. ވާހަކަ ދައްކާ އިރާ މުޅިން ތަފާތު. އެކުދިން އެ އިޝާރާތް ކުރާއިރު އެކުދިންގެ ހުރިހާ އިހުސާސެއް އެބަ ބުނެދޭ. އެންމެ ބަހެއް ބުނާ އިރުގަ ވެސް އެކުދިންގެ ތުންފަތުގެ ހަރަކާތާއި މޫނުގެ ހަރަކާތާ އަތާއި އިނގިއްޔާ އެ ހުރިހާ ގުނަވަނެއް އެބަ ޝާމިލުވޭ. އެވަރުގެ ބަހަކަށް އަޅުގަނޑު ނޫން ކޮންމެ މީހަކަށް ވެސް ލޯބި ވެވިދާނެ،" ފަޒްނީ ބުންޏެވެ.

ފަޒްނީ ފާހަގަކޮށްލެވެނީ އެންމެނާ ވެސް ގުޅޭ ހިތް ހެޔޮ މިޒާޖެއް ހުންނަ ޒުވާނެއްގެ ގޮތުގަ އެވެ. 2007 އިން ފެށިގެން މިހާތަނަށް ޖަމާލުއްދީނުންނާއި ޑެފް އެސޯސިއޭޝަންގައި ފަޒްނީ ކިޔަވައިދިން ހުރިހާ ކުދިންނަށް އޭނާ އަކީ "ބެސްޓް ފްރެންޑް" އެކެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އެކުދިންނަށް ދިމާވާ ކުދި ކުދި ކަންކަމުގައި އެހީތެރިވުމަކީ އުފަލެއް ކަމުގައި ފަޒްނީ ދެކެއެވެ. ކޮންމެ ކަމެއްގައިމެ އެކުދިން ފަޒްނީއަށް ކުރާ އިތުބާރަކީ ފަޒްނީ ވަރަށް ފާހަގަކުރާކަމެކެވެ.

"އަޅުގަނޑާއި ކުދިންނާ ދެމެދު އޮންނަނީ ރަސްމީ ގުޅުމަކަށް ވުރެ ރަހުމަތްތެރި ގާތް ގުޅުމެއް. އަޅުގަނޑު ބަލިވެގެން ސްކޫލަށް ނާދެވުނަސް އެކުދިން އަންނާނެ ގެއަށް ވެސް. އެއިން ކުއްޖަކު ޑޮކްޓަރަށް ދައްކަން ވެއްޖިއްޔާ ވެސް ބޭނުންވާނީ އަޅުގަނޑު ގޮވައިގެން ދާން. ކައިވެނި ކުރަން ވެސް، ކުރަންޖެހޭ ބައެއް ކަންކަމުގައި އަޅުގަނޑު ހޯދާނެ ގިނަ ކުދިން. މުއާމަލާތުކުރަން ފެމެލީ މީހުންނަށް ވުރެ ބޮޑަށް އަޅުގަނޑަށް އެގޮތަށް ކުދިން އިތުބާރު ކުރާކަމަށްބުނާތީ ވަރަށް އުފާވޭ. އެހެންވީމަ ބޮޑަށް އަޅުގަނޑާ ކުދިންނާ ދޭތެރޭ އުފެދިފައިވަނީ ވަރަށް ގާތްގުޅުމެއް. އެކުދިންނަށް ދިމާވާ ދެރަ ކަންކަން ހުރިހާ ކުދިންވެސް ވަރަށް ކިޔައިދޭނެ،"

އިޝާރާތުބަހުން ވާހަކަދެއްކުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމުގެ ގޮތުން ފަޒްނީ ވަނީ އެމެރިކަން ސައިން ލެންގުއޭޖްގެ އިންޓާޕްރިޓިންގެ ތަމްރީން ޖަޕާނުންގެ ޓޯކިޔޯއިން ހޯދާފައެވެ. އަދި 2014 ވަނަ އަހަރު މެލޭޝިއާގެ އިންސްޓިޓިއުޓަކުން ވެސް އިންޓަޕްރެޓިން ދާއިރާ އިން އެއް އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކޮށްފައެވެ. އެކޯހުގައި ބައިވެރިވި އެހެން ގައުމުތަކުގެ ދަރިވަރުންނާ ވާދަކޮށްގެން އޭނާ ވަނީ ކޯހުން އެއްވަނަ ހޯދާފަ އެވެ.

ފަޒްނީގެ ހުނަރުވެރިކަމާއި ހިދުމަތް ފާހަގަކޮށް ސަރުކާރުންވެސް ވަނީ އޭނާ އަށް އެވޯޑު ދީފަ އެވެ. އެގޮތުން ނުކުޅެދުންތެރިކަމުގެ ދާއިރާއަށް ފަޒްނީ ކޮށްފައިވާ ހިދުމަތުގެ އަގުވަޒަންކޮށް 2014 ވަނަ އަހަރު ސަރުކާރުން ވަނީ "ނެޝަނަލް ޑިސެބިލިޓީ އެވޯޑު" ފަޒްނީވަނީ ޙާސިލް ކޮށްފަ އެވެ. އަދި 2015 އަހަރު އޭނާ އަށް ވަނީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރުމުން ދޭ "ގައުމީ އިނާމު" ވެސް ހާސިލް ކޮށްފަ އެވެ.

ފަޒްނީ ދެކޭގޮތުގައި އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ލިބެންޖެހޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް މަސައްކަތް ކުރެވޭތަނެއް އަދިވެސް ނުފެނެއެވެ. ސަރުކާރުގެ ވަޒީފާތަކުގައި އެފަދަ ކުދިންނަށް ފުރުސަތު ލިބުނަސް އަދިވެސް އާންމު މީހުންނާ އެއް އުސޫލަކުން އެކުދިންނާ ދޭތެރޭ ކަންކަން ނުވެދާކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް މިފަދަ ފަރާތްތަކާއިމެދު ވަރަށްރަގަޅަށް މަސައްކަތްކުރާ ވަޒީފާދޭފަރާތްތައް މިފުރުޞަތުގައި ފާހަކޮށްލަން ބޭނުންވެއެވެ. މިފަދަފަރާތްތަކަށް މުޖުތަމައުން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެވުމަކީ އޭނާގެ އުންމީދެވެ.

"މި ދާއިރާއިން ދެކެން ބޭނުންވޭ އެކުދިންނަށް އެއްވެސް އިތުރު އުދަގުލަކާއި ނުލާ އެކުދިންގެ މައްސަލަތައް ޑޮކްޓަރަށް ކިޔައިދެވޭ ދުވަސް ނުވަތަ ސަރުކާރުގެ ހޮސްޕިޓަލުން އެކުދިންގެ ހައްޤުކަށަވަރު ކޮށްދިނުމައްޓަކައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައިއޮތުން. ހަމަ އެގޮތަށް ކޯޓުގައި މިފަދަ ފަރާތްތައް ކުރާ ކައިވެނިތައް ވަކި އުސޫލުތަކެއްގެ މަތިން އިޝަރާތް ކުރާނެ ފަރާނެ ފަރާތެއް ހަމަޖައްސައިދިނުން. މިކަމައްޓަކައި އެކުދިން އެއުފުލާ ބުރައަކީ ބުނެދޭންވެސް ނޭންގޭހާ އުދަގޫކަމެއް. ކައިވެންޏެއް ކުރަން ފޯމް ފުރަން ޖެހޭ ހިސާބުންފެށިގެން މިކަން އޮތީ ހަމަމިހެން. މިފަދަ ބޮޑެތި ކަންކަމަކީ ހައްލުކުރަން ވަގުތު ނަގާނެ ކަންކަން ޤަބޫލުކުރަން،" ފަޒްނީ ބުންޏެވެ.

"ބައެއް މީހުންނަށް ހީވަނީ އެމީހުންނަށް އަޑު ނީވޭތީ މީހުން ހީކުރަނީ މިކުދިންގެ ސިކުނޑީގެ މައްސަލަ ހުރެއޭ. ވާހަކަ ދެއްކޭނެ ގޮތެއް ނޯވެއޭ. މިފަދަ ކުދިންވަރަށް ވަރަށްގިނަފަހަރަށް އެބަހުރޭ އެކިއެކި ގޯނާލިބޭ ފަރާތަކަށްވެ، ޖިންސީ އަދި ޖިސްމާނީ ނަފްސާނީ އަނިޔާތައް ލިބޭ އަދި އޭގެ ޝިކާރައަކަށްވެފަ. ދެރައީ މީގެތެރެއިން ގިނަކުދިންނަށް ނުލިބޭ އިންސާފެއް ރައްކާތެރިކަމެއް އަދި ހިމާޔަތެއް. އެކަހަލަ ކަންކަން ރަނގަޅުކުރަން ބޭނުމީ،"

އިޝާރާތު ބަހުން ވާހަކަ ދައްކަން ދަސްކޮށްދޭ ކޯސްތައް މިހާރު ވެސް ހިންގާ ފަޒްނީގެ އެންމެ ބޮޑު ހުވަފެނަކީ، އިޝާރާތު ބަހުރުވަ އާއި ނުކުޅެދޭ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމާއި އެފަދަ ކުދިންނާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ކިޔަވައިދޭ އެމެރިކާގެ ގަލައުޑެޑް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތެއްލިބިގެންދާނެދުވަހެކެވެ.

މިއީ އިޝާރާތުން ވާހަކަ ދައްކާ ފަޒްނީ މިސްގެ ވާހަކަ އެވެ. އަޅެ މިވަރުގެ ހިދުމަތްތެރިއެއް ދެކުނިން ހެއްޔެވެ؟