ޓޫރިޒަމް

އަލަށް ހުޅުވާ ހަތަރު ރިސޯޓާއެކު 1،064 އެނދު މިއަހަރު މާކެޓަށް

މިއަހަރު އަލަށް ހުޅުވިގެންދާ ހަތަރު ރިސޯޓާއެކު އިތުރު 1،064 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފަތުރުވެރިކަމަށް މިއަހަރުގެ މިހާތަނަށް ފަސް ރިސޯޓު ނެރެފައިވާއިރު އަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަލަށް ހުޅުވާ ރިސޯޓުތަކަކީ މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ރިސޯޓެއްގެ އިތުރުން ބ. ބޮޑުފިނޮޅުގައި ތަރައްގީކުރާ ރިސޯޓަކާއި ޅ. މާބިންހުރާގައި ތަރައްގީކުރާ ރިސޯޓަކާއި ޅ. ދެރުފިނޮޅުގައި ތަރައްގީ ކުރާ ރިސޯޓެކެވެ.

މިއަހަރުގެ މިހާތަނަށް ހުޅުވި ރިސޯޓުތަކަކީ ވ. ކުނާވަށި -- ނޫއީ މޯލްޑިވްސް ކުނާވަށި އާއި ބ. ފަރެސް -- އަވާނީ ފަރެސް މޯލްޑިވްސް އާއި ރ. ކުޑަކުރަތު -- އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓުގެ އިތުރުން އދ. ބޮޑުފިނޮޅު -- ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އަދި މާލެ އަތޮޅުގެ ފަޅެއްގައި ތަރައްގީކުރި ޖޯއީ އައިލެންޑް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މިހާރު 172 ރިސޯޓު ދަނީ ހިންގަމުންނެވެ. މި ރިސޯޓުތަކުގައި ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދަކީ 42،159 އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.