ކުރިއާ އަދި އެއާކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމެންޓެއް ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ބެލުމުންނެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 2250 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިމަހުގެ ފަސް ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އެއާކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ ފަސް ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނީ ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3040 ގްރާމް ހުރި ކަމަށެވެ.
މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމަންޓް ކަސްޓަމްސް އިން އަތުލައިގަތީ މިމަހުގެ ހަތްވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގަ އެވެ.
މި ތަކެތި ފުރަތަމަ މަރުޙަލާގައި ތަޙުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3550 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފަ އެވެ.
މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވާއިރު މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.