މޯލްޑިވްސް ކަސްޓަމްސް ސާވިސް

ސެޕްޓެމްބަރު މަހުގެ އިމްޕޯޓާއި އެކްސްޕޯޓް ދަށަށް

ރާއްޖެއަށް މުދާ އިމްޕޯޓްކުރި އަދަދާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރި އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި 4.4 ބިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ތިން ޕަސަންޓް ދަށް އަދަދެކެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު 43 ޕަސަންޓް ދަށްވެފަ އެވެ. ރާއްޖެއިން މިދިޔަ މަހު އެކްސްޕޯޓްކުރީ 86 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ހުރީ 149 މިލިއަން ރުފިޔާގަ އެވެ.

އިމްޕޯޓާއި އެކްސްޕޯޓް ދަށްވި ނަމަވެސް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ތިން ޕަސަންޓް އިތުރުވެފަ އެވެ.

ކަސްޓަމްސް މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 360 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނީ 350 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާޢްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެ ގައުމުން 883 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 681 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. މީގެ އިތުރުން ޔޫއޭއީ އިން 500 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު ޗައިނާ އަދި ސިންގަޕޫރުން މިއިން ކޮންމެ ގައުމަކުން 406 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެ އެތެރެކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.