ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކުރާނެ ކަމުގެ ސިޓީއެއް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ 49 މެންބަރުންގެ ސޮޔާއެކު މިމަހުގެ ނުވަވަނަ ދުވަހު އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.

އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް ނަޝީދު ޖަވާބުދާރީވެވަޑައިގަތުމަށް 30 މިނެޓްގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ މަޖިލީހުގައިވެސް އަމަލުކުރެއްވި ގޮތް ކަމަށް ވިދާޅުވެ ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން އެއިން ކޮންމެ ފަހަރަކު 10 މިނިޓުގެ ފުރުސަތު ދިނުމަށެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ. މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.