މި ދެ ތަރިން އިއްޔެ ކައިވެނިކޮށްފި އެވެ. ބެލުންތެރިންގެ މެދުގައި މާ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ދެ ތަރިން ނޫނަސް އިންޑިއާގެ ސުރުހީތަކުގައި މި ކައިވެންޏަށް ވަނީ ވަރަށް ޚާއްސަ ޖާގައެއް ލިބިފައެވެ. މިއީ ސޯހާ އަލީ ޚާން އަދި ކުނާލް ކޭމޫގެ ކައިވެނީގެ ވާހަކައެވެ.
ސޯހާ އަކީ ކާކު ހެއްޔެވެ؟ ސޯހާ އަކީ އިހުގެ ފިލްމީތަރި ޝަރްމީލާ ޓާގޯރުގެ އަންހެން ދަރިއެވެ. އަދި ކާމިޔާބު ފިލްމީތަރި ސައިފް އަލީ ޚާންގެ ކޮއްކޮ ވެސް މެއެވެ. ބައެއް ހިންދީ ފިލްމުތަކުން އޭނާ ފެނިފައިވީ ނަމަވެސް ކާމިޔާބުވެފައި ވަނީ ސައިޑް ރޯލަކުން ފެނިގެންދިޔަ "ރަންގް ދޭ ބަސަންތީ" އެކަންޏެވެ.
ދެން މިއޮތީ ކުނާލްގެ ތައާރަފެކެވެ. ނުވަ ދިހައިގެ އަހަރުތަކުގެ ތެރޭގައި ހިންދީ ފިލްމުތަކުގައި ކުޑަކުއްޖެއްގެ ރޯލު އަދާކޮށް ކުނާލް ވަނީ ބޮޑު ތަރުހީބެއް ހޯދާފައެވެ. އަދި އެ މަޤްބޫލުކަމާއި އެކު އުންމީދުތަކެއް ހިތުއަޅައިގެންހުރެ ލީޑްރޯލްތަކުން ފެންނަންފެށި ނަމަވެސް އޭނާ ލީޑް އަދާކުރި ހުރިހާ ފިލްމެއްހެން ސްކްރީންތަކުން ނަގާފައިވަނީ ބޮޑެތި ގެއްލުމާއި އެކުއެވެ. މިއާ އެކު ކުނާލް ސަޕޯޓިންގ ރޯލަކުން ނުވަތަ މަލްޓި ސްޓާރާ އަކުން ފެންނަ ގިނަ ފިލްމުތަކަކީ ކާމިޔާބު ފިލްމުތަކެއްކަންވެސް ފާހަގަކުރެވެއެވެ.
ކޮންމެ ގޮތެއް ވީނަމަވެސް މިއީ ބޮލީވުޑްގެ ކާމިޔާބު ތަރިންނެއް ނޫނެވެ. ނަމަވެސް ފިލްމީ ތަރިންނެވެ. މި ދެތަރިންގެ ކައިވެނި މިއަހަރުގެ ބޮލީވުޑްގެ އެންމެ ވަރުގަދަ ކައިވެނިތަކުގެ ލިސްޓުގެ ކުރިން ޖާގަހޯދީ ކިހިނެއްހެއްޔެވެ. އެއް ސަބަބަކީ ސޯހާގެ އާއިލާއެވެ. އަނެއް ސަބަބަކީ މި ދެ ތަރިންގެ ފިލްމީ ލަވް ސްޓޯރީއެވެ.
ފިލްމީ ޖޯޑުތަކުގެ ލޯބި ފެށޭ އުސޫލުން މިދެތަރިންވެސް ދިމާވީ 2008 ވަނަ އަހަރު ފިލްމު ޑޫންޑްތޭ ރެހްޖާއޯގޭ އަދި ނައިންޓީ ނައިންގެ ޝޫޓިން ތެރެއިންނެވެ. ހިންދުސްދާން ޓައިމްސްއަށް ސޯހާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭރު ކުނާލަކީ ގާތް ރައްޓެއްސަކަށް ވާނެ މީހެކޭވެސް ހިތައް ނާރާކަމަށެވެ. ހަމަ އެ އިންޓަވިއުގައި ކުނާލް ބުނެފައިވަނީ އޭރު އޭނާއަށް ސޯހާ ސިފަވީ ވަރަށް ކިބުރުވެރި ބޮޑާ މުއްސަނދި އާއިލާއެއްގެ ފޮނި ކުއްޖެއްގެ ގޮތުގައެވެ. އެހެން ކަމުން ގާތްވާން ހިތައްވެސް އަރުވާފައި ނުވާކަމަށެވެ. ނަމަވެސް ދެ ފިލްމުގެ ޝޫޓިންގ ނިމުނުއިރު ދެމީހުންގެވެސް ހިތް ބަދަލުވެ އެކަކު އަނެކަކު ދަސްވެ ކަމުދާންފެށީކަމަށެވެ.
ސޯހާ ބުނެފައިވާގޮތުގައި އޭނާގެ އާއިލާއާ ކުނާލްގެ އާއިލާއާ ހާސްބައިތަފާތުވުން އެއީ ހުދު އޭނާވެސް ޖެހިލުންވި ކަމެކެވެ. ނަމަވެސް އޭނާގެ މަންމަ ޝަރުމީލާ ވަގުތުން އެގުޅުމަށް އެއްބަސްވިއެވެ. އަދި މާބޮޑު އުނދަގޫ ތަކަކާނުލާ އޭނާގެ ބައްޕަގެ ރުހުންވެސް ލިބުނެވެ. އޭނާ އެންމެ ހައިރާންވީ އޭނާގެ މަންމަގެ ފަރާތުން 2012 ވަނަ އަހަރު ލިބުނު ހަދިޔާއަށެވެ. ދެ މީހުން ވެސް އެކުގައި އުޅެން ނިންމާ ކައިވެނި ކުރުމަށް ވިސްނާކަމަށް ބުނުމުން ޝަރްމީލާ އޭނާގެ ދަރިފުޅަށްވަނީ ޝާޚީ އެޕާޓްމަންޓެއް ހަދިޔާކޮށްފައެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ސޯހާ އާއި ކުނާލް ދިރިއުޅެމުން އައީ އެކުގައެވެ.
ކައިވެންޏަށް ކުނާލް އެހިގޮތަކީވެސް ފާހަގަކޮށްލެވޭ ގޮތެކެވެ. ދުނިޔޭގެ އެންމެ ރޮމޭންޓިކް ސިޓީގެ ގޮތުގައި މަޝްހޫރު ޕެރިސްގައި ކުނާލް ސޯހާއާ ކައިވެނިކުރުމަށް އެދުނީ ދުނިޔޭގައިވާ އެންމެ ފުރިހަމަ އަންގޮޓިއާއެކު ކަމަށް ސޯހާ ބުނެ އެވެ.
ދެ ތަރިންގެ ކައިވެންޏަށް ފަހުވެސް ފިލްމީ ދާއިރާގައި ކާމިޔާބު ހޯދުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ސޯހާ އަދި ކުނާލް ވަނީ ބުނެފައެވެ.