ޓޫރިޒަމް

މިހާރު ދުވާލަކު އަންނަނީ 5،035 ފަތުރުވެރިން

ރާއްޖެއަށް މިމަހުގެ މިހާތަނަށް އެވަރެޖުކޮށް ދުވާލަކު 5،035 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.48 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރޭގައި ހިނގަމުންދާ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި 120،833 ފަތުރުވެރިން ހިމެނެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިމަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތަށްވުރެ 3.2 ޕަސަންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.3 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް 174،140 ފަތުރުވެރިން އިތުރަށް ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 169،398 ފަތުރުވެރިން
  • ޗައިނާ - 161،052 ފަތުރުވެރިން
  • އިންޑިއާ - 161،040 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 119،231 ފަތުރުވެރިން
  • ޖަރުމަނު - 104،042 ފަތުރުވެރިން
  • އިޓަލީ - 88،762 ފަތުރުވެރިން
  • އެމެރިކާ - 58،037 ފަތުރުވެރިން
  • ފްރާންސް - 39،788 ފަތުރުވެރިން
  • ސްޕެއިން - 31،771 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 28،848 ފަތުރުވެރިން

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،268 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 918 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.