ޓްރާންސްފާގެ ހިދުމަތް -- އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ހިދުމަތުން މިދިޔަ އަހަރު 563.2 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން އާންމުކުރި ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން މުއާމަލާތްތަކާއި ކާޑު ބޭނުންކޮށްގެން މުއާމަލާތް ހިންގާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
ޓްރާންސްފާ ހިދުމަތުން ފައިސާ ފޮނުވި އަދަދު
- 2019 - 225 ބިލިއަން ރުފިޔާ
- 2020 - 235 ބިލިއަން ރުފިޔާ
- 2021 - 371 ބިލިއަން ރުފިޔާ
- 2022 - 563 ބިލިއަން ރުފިޔާ
ޓްރާންސްފާގެ ހިދުމަތުގެ ތެރެއިން މިދިޔަ އަހަރު 88.9 މިލިއަން މުއާމަލާތްކޮށްފައިވެ އެވެ.
މީގެ ތެރެއިން 87.1 މިލިއަން މުއާމަލާތް -- 390.6 ބިލިއަން ރުފިޔާގެ މުއާމަލާތަކީ އެއް ބޭންކްގެ އެކައުންޓުން އެ ބޭންކްގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް ކޮށްފައިވާ މުއާމަލާތްތަކެވެ.
ރާއްޖޭގައި ކޮމާޝަލް އަށް ބޭންކެއް ހިންގަމުންދާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެ ބޭންކްތަކުގައި 485،000 އެކައުންޓް ހުޅުވާފައިވެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން 17.92 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވެ އެވެ.