ޑރ. މުހައްމަދު މުއިއްޒު

ވީއައިއޭ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާނަން: މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ވީއައިއޭ ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ -- މަސީ އިން ރޭ ބޭއްވި ދިވެހި ވިޔަފާރިވެރިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އަވަހަށް ނުނިމޭނެ ކަމުގެ މައުލޫމާތު ޓްރާންސިޝަން މަރުހަލާގައި ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މި އަންނަ އަހަރުވެސް ނިމި ދެން އަންނަ އަހަރުގެ ޖުލައި އަށް، 2025 ގެ ޖުލައިއަށް ކަމަށް ވަނީ ނިމޭނީ،" މުއިއްޒު ވިދާޅުވި އެވެ.

އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އިގުތިސޯދު އޮތީ ވަރަށް ބޮޑު ހީނަރުކަމެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އެއަށްވުރެ އަވަސްކުރަން ބޭނުންވާ ކަމަށާއި އެގޮތުން ފެށޭ އަހަރުގެ ސެޕްޓެމްބަރަށް އެންމެ ލަސްވެގެން މަސައްކަތް ނިންމުމަކީ އަމާޒެއް ކަމަށެވެ.

"ޔަގީންކަން އެބަ އޮތް އަޅުގަނޑުމެންނަށް، މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތުގައި އަދި ތިބޭފުޅުން (ވިޔަފާރިވެރިން) އެކަމުގައި ދެއްވާނެ ތަރުހީބާއި ސަޕޯޓާއެކީގައި މިކަން ކާމިޔާބުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ނޮވެމްބަރު 17ގެ ފަހުން އެއާޕޯޓް މަޝްރޫއަށް ހާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ރަސްމީކޮށް 17 ނޮވެމްބަރުގައި ރަސްމީކޮށް މަސައްކަތް ފަށާފަ. އަޅުގަނޑު ވިސްނާފަ އަދި ގަސްތުކޮށްފަ އޮތް ގޮތަކީ ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް ކަމާ ބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންގެ އިސްވެރިން ހިމެނޭ ގޮތަށް ހެދުން، އަދި ކޮމިޓީ އަޅުގަނޑު ޗެއާ ގޮތާ ގޮތަށް ހަމަޖެއްސުން،" މުއިއްޒު ވިދާޅުވި އެވެ.