ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކުރިއަށްދާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް

ރައްޔިތުންގެ މަޖިލިސް ދެން ކުރިއަށް ދާނީ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށާއި ކޯޓުން ނިންމާ ގޮތް ބަލައިގަންނާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެންކަމެއް މަޖިލީހުގައި އެޖެންޑާކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުންނެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގާނޫނުގައި ބަޔާންކުރާކަން އަސްލަމް ފާހަގަކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައްވެސް ކުރިއަށް ގެންދެވެން ނެތް ކަމަށާއި މަޖިލީހުގެ މަސައްކަތްތަކަށް އެމްޑީޕީން އެއްބާރުލުން ދޭނީ މިހާރު ހުރި މައްސަލަތައް ހައްލުވުމުން ކަމަށެވެ.

"ވަރަށް ދިގުލައިފި މިކަންތައް. އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވިއްޖެ. ސަމާސާއަކަށްވުރެ މިހާރު ބޮޑުވެއްޖެ މައްސަލައެއްކަމަށް އަޅުގަނޑުމެން ދެކެން. އެހެންވީމަ މިކަމުގައި ކޮންމެވެސް އެއް ގޮތެއް ނިމިގެން ދެން އަޅުގަނޑުމެންގެ (އެމްޑީޕީގެ) އެއްބާރުލުމެއް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަށް ދެވެން އަންނަނީ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ މި ދެ ދުވަހުގެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފަ އެވެ. މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެ ކޯޓުން ނިންމާ ގޮތް ބަލައިގަންނާނެ ކަމަށާއި އެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދުކުރަނީ މިކަމަށް އަވަސް ހައްލެއް ލިބިގެން ދިޔުން. އަޅުގަނޑުމެން އުންމީދުކުރަނީ ވީހާވެސް އަވަހަކަށް މިކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާ ދެއްވުން،" އަސްލަމް ވިދާޅުވި އެވެ.