މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރީ 7.4 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު އެސްޑީއެފްގައި ހުރި 7.4 ބިލިއަން ރުފިޔާގެ ތެރޭގައި 124.7 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިހާރުވެސް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރަމުންދާތީ އަންނަ އަހަރު ނިމޭއިރު މި ފަންޑު ޖުމްލަ 9.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދަޒާކޮށްފަ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ފަންޑަށް ހަތަރު ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބިފައިވާ ފައިސާއިން 1.4 ބިލިއަން ރުފިޔާ އަދި އެހެނިހެން ގޮތް ގޮތުން ދެ ބިލިއަން ރުފިޔާ ފަންޑަށް ވަނީ ޖަމާކޮށްފަ އެވެ.
ބަޖެޓުގައިވާ ގޮތުން 2025 އަދި 2026 ވަނަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާގެ ބައެއް ޕަބްލިކް ބޭންކް އެކައުންޓަށް ނަގައި ދަރަނީގެ ބައެއް އަނބުރާ ދައްކަން ހޭދަކުރަން ވަނީ ރާވާފަ އެވެ.
މި ގޮތުން މި ދެ އަހަރުވެސް ފަންޑުން 3.8 ބިލިއަން ރުފިޔާ ބަޖެޓް ފައިނޭންސިންއަށް ނަގަން ވަނީ ރާވާފަ އެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނަށް މިއަހަރު ގެނައި އިސްލާހާއެކު އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.
އޭގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން ގެންދިޔައީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.