ފިނޭންސް މިނިސްޓްރީ

ބަދަލު ދޭން 397 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފި

ޤަޟިއްޔާތަކާ ގުޅިގެން ނުވަތަ ސެޓްލްމަންޓް -- ބަދަލުގެ ގޮތުގައި ދައުލަތުން ދޭންޖެހޭ ފައިސާ މިއަހަރުގެ ނިޔަލަށް ޖުމްލަ 397 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފި އެވެ.

ދައުލަތުން ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ މިއަހަރުގެ ނިޔަލަށް 397 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރީ އަންނަ އަހަރަށް ލަފާކޮށް ތައްޔާރުކުރި ބަޖެޓުގަ އެވެ.

ފިނޭންސް މިނިސްޓްރީން މި އަންދާޒާކޮށްފައިވާއިރު ދައުލަތުން ބަދަލުގެ ގޮތުގައި ދޭން މިއަހަރުގެ ބަޖެޓުގައި ފުރަތަމަ ކަނޑައެޅީ 101 މިލިއަން ރުފިޔާ އެވެ.

ބަޖެޓުގައި ފުރަތަމަ ކަނޑައެޅި އަދަދަށްވުރެ އިތުރަށް 296 މިލިއަން ރުފިޔާއާއެކު ޖުމްލަ 397 މިލިއަން ރުފިޔާ މިއަހަރުގެ ނިޔަލަށް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިހާރު ލަފާކުރެ އެވެ.

ބަދަލުގެ ގޮތުގައި ދޭ ފައިސާގެ ގޮތުގައި ބޮޑު އަދަދެއް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު ބަދަލުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 373.9 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.