ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ކުރިއަށް ގެންދަން މާދަމާއަށް ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މާދަމާއަށް ޖަލްސާއެއް އެޖެންޑާކުރަން މަޖިލީހުގެ އިދާރާގައި އެދެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މި ގޮތަށް ނިންމީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހާއި ހޯމަ ދުވަސް އަދި މިއަދަށް އެޖެންޑާކުރުމަށްފަހުވެސް ޖަލްސާ ކެންސަލްވެފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވަވާފައިވާތީ އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.

އެ ޖަލްސާ ކެންސަލްވުމުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން އެ ދުވަހު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފަ އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހާއި މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާތައްވެސް ކެންސަލްކުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.