ޓޫރިޒަމް

މިދިޔަ މަހު އައީ 159،141 ފަތުރުވެރިން

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 159،141 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާޢިރު 3.5 ޕަސަންޓް އިތުރުވެފަ އެވެ. މިއީ 5،404 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.52 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.34 މިލިއަން ފަތުރުވެރިންނަށްވުރެ 13 ޕަސަންޓް ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 174،663 ފަތުރުވެރިން
  • އިންޑިއާ - 164،471 ފަތުރުވެރިން
  • ޗައިނާ - 163،708 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 122،614 ފަތުރުވެރިން
  • ޖަރުމަނު - 107،472 ފަތުރުވެރިން
  • އިޓަލީ - 90،686 ފަތުރުވެރިން
  • އެމެރިކާ - 59،195 ފަތުރުވެރިން
  • ފްރާންސް - 40،830 ފަތުރުވެރިން
  • ސްޕެއިން - 32،572 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 29،733 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެވަރެޖުކޮށް ދުވާލަކު 5،000 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމަށް 174 ރިސޯޓާއި 932 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 14 ހޮޓާ ދަނީ ހިންގަމުންނެވެ.

ސަރުކާރުން މިއަހަރަށް ފުރަަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ ނިޔަލަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަހަރުގެ ޖުލައި މަހު އެވެ.