އިންފްލޭޝަން

ސެޕްޓެމްބަރު މަހުގެ އިންފްލޭޝަން ރޭޓް މައްޗަށް

ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އަގުތައް ވަނީ 2.65 ޕަސަންޓް އުފުލިފަ އެވެ. މީގެ އިތުރުން މިއަހަރުގެ އޮގަސްޓް މަހާއި އަޅަައިބަލާއިރު ސެޕްޓެމްބަރު މަހު އަގުތައް ވަނީ 0.45 ޕަސަންޓް ބޮޑުވެފަ އެވެ.

އަގުތައް ބޮޑުވި ތަކެތީގެ ތެރޭގައި ކާބޯތަކެތި ހިމެނޭއިރު ދަތުރުފަތުރުގެ ހިދުމަތުގެ އަގުތައް ވަނީ އުފުލިފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު މޭވާގެ އަގުތައް ވަނީ 7.67 ޕަސަންޓް އިތުރުވެފަ އެވެ. މަހުގެ އަގު 2.41 ޕަސަންޓް މައްޗަށް ދިޔައިރު ތަރުކާރީގެ އަގުތައް 2.53 ޕަސަންޓް ބޮޑުވި އެވެ.

ވައިގެ ދަތުރުފަތުރުގެ އަގުތައް 1.60 ޕަސަންޓް ބޮޑުވިއިރު ރެސްޓޯރަންޓާއި ކެފޭގެ އަގުތައް 0.36 ޕަސަންޓް ވަނީ އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގުތައް 2.52 ޕަސަންޓް ދަށްވިއިރު ބޭހުގެ އަގުތައް 1.54 ޕަސަންޓް ދަށްވި އެވެ.