ބޭންކް އޮފް މޯލްޑިވްސް

ތިންވަނަ ކުއާޓަރުގައި ބީއެމްއެލްގެ ސާފު ފައިދާ 481 މިލިއަން ރުފިޔާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިސާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 659 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކްސަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 367 މިލިއަން ރުފިޔާއަށްވުރެ 31 ޕަސަންޓް އިތުރުވުމެކެވެ.

ބީއެމްއެލްއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 504 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 551 މިލިއަން ރުފިޔާ ލިބުނެވެ.

މާލީ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އިން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 3.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. މި މުއްދަތުގައި 28.8 ބިލިއަން ރުފިޔާ ބޭންކަށް ވަނީ ޖަމާކޮށްފަ އެވެ.