އެމްޓީސީސީ

ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 979 މިލިއަން ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ -- އެމްޓީސީސީއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 979.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މި އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު 34 ޕަސަންޓް އިތުރުވެފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނީ 727.1 މިލިއަން ރުފިޔާ އެވެ.

އޮޕަރޭޓިން ޕްރޮފިޓް -- ހިންގުމުގެ ފައިދާގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 103.7 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 96.9 މިލިއަން ރުފިޔާއަށްވުރެ ހަތް ޕަސަންޓް އިތުރުވުމެކެވެ.

ޓެކްސަށް ކެނޑުމުގެ ކުރިން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިދާއަކީ 50.9 މިލިއަން ރުފިޔާ އެވެ. ޓެކްސަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ވަނީ 43.3 މިލިއަން ރުފިޔާ ލިބިފަ އެވެ.

ޓެކްސަށް ކެނޑުމަށްފަހު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 45 މިލިއަން ރުފިޔާ ފައިދާވެފައިވާއިރު ދެވަނަ ކުއާޓަރުގައި ޓެކްސަށް ކެނޑުމަށްފަހު 41.2 މިލިއަން ރުފިޔާ ވަނީ ފައިދާވެފަ އެވެ.