އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް ދިރާސާކޮށް ނިންމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ސެޕްޓެމްބަރު މަހު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް ދިރާސާކޮށް ނިމިފައިވާ ކަމަށެވެ.
ޝަކުވާތަކާއި ހިޔާލުތައް ހުށަހެޅި ފަރާތްތަކަށް މިއަދު ޖަވާބު ދޭނެ ކަމަށާއި ދާއިރާތަކުގެ ފައިނަލް ރިޕޯޓް އާންމުކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.
އަންނަ އަަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވެ އެވެ.
މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. ކުރިއަށް އޮތް މަޖިލީހަށް ހަ ގޮނޑި އިތުރުވާނަމަ 93 މެންބަރުން އިންތިހާބުކުރަން ޖެހޭނެ އެވެ.
20 ވަނަ މަޖިލީހަށް އިތުރުވާ ހަ ދާއިރާ
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
- ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލާ އެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން ބައެއް އިންތިހާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވެ އެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ ނަން "ހުޅުމާލެ ދެކުނު ދާއިރާ" އަށް، ގުރައިދޫ ދާއިރާގެ ނަން "މާފުށި ދާއިރާ" އަށް، ތ. ގުރައިދޫ ދާއިރާގެ ނަން "ގުރައިދޫ ދާއިރާ" އަށް އަދި ފޭދޫ ދާއިރާގެ ނަން "ފޭދޫ ދެކުނު ދާއިރާ"ގެ ނަމަށް ބަދަލުވެ އެވެ.