ކަނޑުމަތީގެ ހާދިސާ

މާފުށްޓަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ކ. ތުލުސްދޫން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ތުލުސްދޫން ފުރައިގެން މާފުށްޓަށް ދަތުރުކުރަމުންދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އަރާފައިވަނީ ކ. ގުޅި ކައިރީގައި އޮންނަ ފަރަކަށެވެ.

ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން ތިބި އެ ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 07:36 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ދޯނި އޮތް ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތަރު ފަޅުވެރިން ހާބަކުރާފްޓް ލޯންޗުގައި މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ދޯނި ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ދޯނި ފުން ކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.