ދިގުރަށް

ކުޑަކުއްޖާގެ މަންމައަކީ ރަށު މީހެއް ކަމަކަށް ނުބެލެވޭ: ދިގުރަށު ކައުންސިލް

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖަކީ އެ ރަށު މީހަކު ވިހާފައިވާ ކުއްޖެއް ކަމަށް ނުބެލެވޭ ކަމަށް އދ. ދިގުރަށު ކައުންސިލުން ބުނެފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ ރަށު މީހަކަށް މިމައްސަލައިގައި ތުހުމަތު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޮޑަށް ތުހުމަތުކުރެވެނީ މިރަށުގައި މިވަގުތު އުޅޭ ބިދޭސީއަކަށް. އެކަމަކު ޔަގީންކަމާއެކު އެއްޗެއް ދަންނަވަން އެނގޭނީ ފުލުހުންގެ ތަހުގީގަށްފަހު،" އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ވިދާޅުވީ އެ ކުއްޖާ އަކީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް ކުއްޖާގެ ހަށިގަނޑަށް ބަލާލުމުން އެ ކުއްޖާއަކީ ސިއްހަތު ރަނގަޅުކޮށް އޮތް ކުއްޖެއް ކަމަށް ބެލެވޭ ކަމަށެވެ.

"އެހެންވެ އަޅުގަނޑަކަށް ސީދާ ނުކުރޭނެ އެއީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް ކަމަށް ދަންނަވާކަށް،" އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގުގެ ބޭނުމަށް ކުއްޖާގެ ހަށިގަނޑު އަދިވެސް އޮތީ ދިގުރަށު ސިއްހީ މަރުކަޒުގައި ބާއްވާފަ އެވެ.

ފުލުހުން ބުނީ ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖެއްގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވާ ފުލުހުން އިތުރަށް ބުނީ ކުއްޖާ މަރުވެފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ދިގުރަށުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.