މޯލްޑިވްސް ޕޮލިސް ސާވިސް

ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ ހައްޔަރުކޮށްފި

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކުރީ ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފުރަން ގޮސް ހުއްޓަ އެވެ.

ފުލުހުން ވަނީ ތުއްތު ކުއްޖާގެ މަރާ ގުޅިގެން އެއާޕޯޓުން ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ފުލުހުން ބުނީ ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖެއްގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވާ ފުލުހުން އިތުރަށް ބުނީ ކުއްޖާ މަރުވެފައިވާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ދިގުރަށުން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.