ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރަމުންދާ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ދެ ގައުމުން އެކުލަވާލަން ނިންމި ކޯ ގްރޫޕްގެ މަޝްވަރާގެ މަތިންނެވެ.
ހެލިކޮޕްޓަރުތަކާއި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށް އިންޑިއާއިން ހާމަކޮށްފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މިކަން އިއުލާންކުރައްވާފައި މިވަނީ ޔޫއޭއީގައި ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާގައި މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. މިމަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.