އައްޑޫ ސިޓީ

އައްޑޫ މާރާމާރީ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީގެ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމްކޮށްފި އެވެ.

މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާއަށް ފަރުވާ ދެމުން ދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހިސްޕިޓަލްގަ އެވެ.

މާލެއާއި އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ނިންމާ އިތުރު ފުލުހުން މަގުމައްޗަށް ނެރުމަށް ވަނީ ނިންމާފަ އެވެ.