ދިގުރަށް

ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދަށް

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކުރެވެނީ ސްރީލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހަކަށެވެ.

މި މީހާ އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކުރީ ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ލަންކާއަށް ފުރަން ގޮސް ހުއްޓަ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ފުލުހުން ބުނީ ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ކުއްޖެއްގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:20 ހާއިރު ކަމަށެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުނިގޮނޑަށް ކުއްޖާ އެއްލާލާފައި އޮއްވާ ފެނިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދެއްވާ ފުލުހުން ބުނެފައިވެ އެވެ.