އައްޑޫ ސިޓީ

އައްޑޫ މާރާމާރީ: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ އުމުރުން 22 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މާރާމާރީއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. މީމިހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން މި މީހުން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާއަށް ފަރުވާ ދެމުން ދަނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހިސްޕިޓަލްގަ އެވެ.

މާލެއާއި އައްޑޫގައި ހިންގި ގުރޫޕް މަރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ނިންމާ އިތުރު ފުލުހުން މަގުމައްޗަށް ނެރުމަށް ވަނީ ނިންމާފަ އެވެ.