ޓޫރިޒަމް

އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ 186،351 ފަތުރުވެރިން

ރާއްޖެއިން މިއަހަރަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ 186،351 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގައި ރާއްޖޭގެ މިއަހަރުގެ އަމާޒަކީ 1.9 މިލިއަން ޓޫރިސްޓުންކަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވީ މިއަހަރުގެ ޖުލައި މަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.71 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1.51 މިލިއަން ފަތުރުވެރިންނަށްވުރެ 12.8 ޕަސަންޓް -- 194،714 ފަތުރުވެރިން އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 1.67 މިލިއަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެވަރެޖްކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިމަހުގެ މިހާތަނަށް ހުރީ 5،966 ގަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 193،269 ފަތުރުވެރިން
  • އިންޑިއާ - 185،987 ފަތުރުވެރިން
  • ޗައިނާ - 176،803 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 139،867 ފަތުރުވެރިން
  • ޖަރުމަނު - 124،052 ފަތުރުވެރިން
  • އިޓަލީ - 101،194 ފަތުރުވެރިން
  • އެމެރިކާ - 67،238 ފަތުރުވެރިން
  • ފްރާންސް - 44،442 ފަތުރުވެރިން
  • ސްޕެއިން - 37،420 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 33،991 ފަތުރުވެރިން

ރާއްޖެއަށް މިހާރު 22 ގައުމަކުން 30 އަށްވުރެ ގިނަ އެއާލައިނުން ސީދާ ދަތުރުތައް ކުރެ އެވެ.