އާމްދަނީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 30 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 22.1 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 7.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.
މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 498 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ދައުލަތަށް މިއަހަރު އާމްދަނީގެ ގޮތުގައި 32.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް ވަނީ އަންދާޒާކުރި އާމްދަނީގެ 93.9 ޕަސަންޓް ލިބިފަ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ.
ޖީއެސްޓީގެ ގޮތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވާއިރު ބިޒްނަސް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.5 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 25.7 ބިލިއަން ރުފިޔާ އެވެ.