ވައުދާ އެއްގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ފައިސާ ޗާޕުކުރުން ހުއްޓާލާނެކަން އެއީ ވެސް އަޅުގަނޑުވީ ވައުދެއް. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ކޮވިޑް-19 ގެ ހާލަތުގައި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިޔާދަކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވަވާފަ އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ އެޕްރީލް 2020ގަ އެވެ. އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ ނޮވެމްބަރު 23، 2021ގަ އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރި މުއްދަތު މިމަހުގެ ނިޔަލަށް ހަމަވުމުން ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ފިނޭންސް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.