ފިނޭންސް މިނިސްޓްރީ

ރާއްޖޭ މާލީ ކަންކަމުގައި ލަފާ ހޯދަން އެމެރިކާގެ ސެންޓަވިއު އައްޔަންކޮށްފި

ރާއްޖޭގެ މާލީ ކަންކަމުގައި ލަފާ ހޯދަން ދިވެހި ސަރުކާރުން އެމެރިކާގެ އިންވެސްޓްމަންޓް އަދި އެޑްވައިޒަރީ ފާމް -- ސެންޓަވިއު އައްޔަންކޮށްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.

މާލީ ލަފާ ހޯދަން ސެންޓަވިއު އައްޔަންކޮށްފައިވާކަން ރޮއިޓާސް އިން ރިޕޯޓްކުރީ ދެ މަސްދަރާ ހަވާލާދީ އެވެ. ނަމަވެސް އެ ތަފުސީލެއް އެ ނޫހުން ހާމައެއް ނުކުރެ އެވެ.

ސެންޓާވިއުއަކީ 2006 ވަނަ އަހަރު އުފެއްދި ފާމް އެކެވެ. ސެންޓަވިއުގެ އޮފީސްތައް ނިއުޔޯކާއި ލަންޑަންގެ އިތުރުން ޕެރިހުގައިވެސް ހިންގަ އެވެ.

ރޮއިޓާސް އިން ވަނީ ރާއްޖޭގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 8.2 ބިލިއަން ޑޮލަރު -- 126 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކޮށްފަ އެވެ.

މިއީ ޖީޑީޕީގެ ނިސްބަތުން 116 ޕަސެންޓެވެ. ރާއްޖޭގެ ދަރަނީބެ ބޮޑު ބަޔަކީ އިންޑިއާ އާއި ޗައިނާއަށް ދައްކަންޖެހޭ ލޯނެވެ.