ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގި މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.
އުމުރުން 39 އަހަރުގެ މި މީހާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް އެ ދުވަހު އޭނާ ހައްޔަރުކުރީ ފޯނުން ކޯޓުން އަމުރު ދައްކައިގެން ކަމަށްވާތީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ އެވެ.
ފުލުހުން އަނެއްކާވެސް އިއްޔެ އޭނާ ހައްޔަރުކުރީ ޕްރިންޓްކޮށްފައިވާ ކޯޓު އަމުރެއް ދެއްކުމަށްފަހު އެވެ. އެއަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި މި މީހާ ވަގަށް ނެގި މުދަލުގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ވުރެ އިތުރުވާނެ އެވެ.
މި މީހާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ވައްކަން ކުރުމާއި ހުއްދަނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
ބަންދުގެ މަޖިލީހުގައި މި މީހާ ވަނީ އޭނާ ހައްޔަރުކޮށް ގަލޮޅު ވިލީފުލުހަށް ވެއްދީ ގަދަކަމުން ކަމަށް ބުނެފަ އެވެ. އެހެންވެ ބަންދުގެ މަޖިލީހުގައި އިންނެވި ގާޒީ އިބްރާހީމް ޒިހްނީ ވަނީ މި މިމައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހަށް މި މީހާ ހައްޔަރުކޮށް ވިލީފުލަހަށް ގެނައި ފުލުހުންގެ ބޮޑީކެމް ރެކޯޑިން ނުވަތަ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު ހުށަހެޅުމަށް ފުލުހުންނަށް އަންގާފަ އެވެ.