ވ. ފުލިދޫ ޕޮލިސް ޕޯސްޓް ހުޅުވައި އެ ރަށުގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތް ދޭން ފަށައިފި އެވެ.
ފުލިދޫގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ފުލިދޫ ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ އެކްޓިން ކޮމިޝަނަރުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާއު އަލީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުލުހުންގެ އޮކްސިލަރީ ސާވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ ވ. އަތޮޅަކީ ގެސްޓްހައުސް ވިޔަފާރީގައި ކުރިއަރާފައިވާ އަތޮޅަކަށްވާތީ ގެސްޓުހައުސް ހުންނަ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުން މުހިއްމު ކަމަށެވެ.
އާސިމް ވިދާޅުވީ ވ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު އަތޮޅަކަށް ވެފައި ފުލިދުއަކީ ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާވަމުންދާ ރަށަކީ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކޮށްދިނުމަށް ގާނޫނު ތަންފީޒުކުރަން ތިބޭ ފުލުހުންގެ އެހީ ބޭނުންވާނެ ކަމަށެވެ.
"އެހެންކަމުން މުޖުތަމައުތަކަކީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައިވާ މުޖުތަމައުތަކަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތަކީ އެންމެ މުހިއްމު ހިދުމަތް. މިހިދުމަތް އެންމެ ފުރިހަމަކަމާ އެކީ ފޯރުކޮށްދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައި، އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ އަދަދު އިތުރުވެގެން،" އާސިމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ ލޯކަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް އާއި ވ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އަންވަރު އަހްމަދުގެ އިތުރުން ފުލިދޫ ކައުންސިލް ރައީސް މުހައްމަދު އިމްތިޔާޒާއި ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.