ޓޫރިޒަމް

ރަޝިއާ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް

ރަޝިއާ އިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 200،200 އަށް އަރާފަ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.79 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.59 މިލިއަން ފަތުރުވެރިންނަށްވުރެ 12.6 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖޭގެ ތާރީހުގައިވެސް މި އަހަރަކީ އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައީ 1،702،831 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރު 555،494 ފަތުރުވެރިން ރާއްޖެ އައިއިރު 2021 ވަނަ އަހަރު ރާއްޖެ އައީ 1.2 މިލިއަން ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނުއިރު 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމުން މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު

  • ރަޝިއާ - 200،200 ފަތުރުވެރިން
  • އިންްޑިއާ - 199،187 ފަތުރުވެރިން
  • ޗައިނާ - 183،457 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 148،113 ފަތުރުވެރިން
  • ޖަރުމަނު - 129،436 ފަތުރުވެރިން
  • އިޓަލީ - 106،225 ފަތުރުވެރިން
  • އެމެރިކާ - 71.068 ފަތުރުވެރިން
  • ފްރާންސް - 46،638 ފަތުރުވެރިން
  • ސްޕެއިން - 39،063 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 35،370 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ފަތުރުވެރިކަމަށް 1،135 ފެސިލިޓީއެއް ދަނީ ބޭނުންކުރަމުންނެވެ.

އޭގެ ތެރޭގައި 175 ރިސޯޓާއި 802 ގެސްޓްހައުސް އާއި 144 ސަފަރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ.