މިނިސްޓަރު އަލީ އިހުސާން

މުއިއްޒުގެ ސަރުކާރުން 13 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގައި އެކުލަވާލި ޓާސްކް ފޯސްއިން މިއަދާއި ހަމައަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގަނެފައިވާކަން ހާމަކޮށްފި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ އިދާރާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައިއަށް ސަމާލުކަން ދީގެން އޮޕަރޭޝަންތައް ހިންގުމަށް ގުޅިފައިވާ އިންޓެލިޖެންސީ ޓާސްކް ފޯސްއަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.

"މި ޓާސްކް ފޯސްގެ މަސައްކަތުން މިއަދާއި ހަމައަށް 13 މިލިއަން ރުފިޔާގެ ޑްރަގްސް އާއި ރާ ވަނީ ހިފެހެއްޓިފަ،" އިހުސާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ އޮޕަރޭޝަންތަކުގައި 39 ސަފާރީއެއް ބަލައިފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް އޮޕަރޭޓްކުރަމުން ގެންދާ ކަމަށް ފާހަގަކުރެވުނު ސަފާރީތަކުން ރަލާއި އެކަންކަމާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހުޅުމާލެ ފަޅު ތެރޭގައި އޮޕަރޭޓް ކުރަމުންދާ ސަފާރީތަކާއި މާފުށި ކައިރީގައި އޮޕަރޭޓްކުރަމުންދާ ސަފާރީތައް ހިމެނޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ކޯޓު އަމުރެއްގެ ދަށުން އަޅުގަނޑުމެން މި މުއްދަތުގެ ތެރޭގައި އަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާނެ،" ޝާކިރު ވިދާޅުވި އެވެ.

މީގެ އިތުރުން ކަސްޓަމްސް އާއި ޕޯސްޓް ކުރިއާ ސާވިސްގެ ތެރޭގައި ހަތަރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޕަރޭޝަންތަކުގައި 34 ދިވެހިން ހައްޔަރުކޮށްފައިވާއިރު މަސްތުވާތަކެތި އޭގައި ބަހައްޓައިގެން ވިޔަފާރި ކުރާ ކަމަށް ބެލެވޭ ފަސް ވެހިކަލެއް ޓޯކޮށްފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއި ބަނގުރާ

  • ބަނގުރާ 1،063 (ބަނގުރާ ފުޅި އަދި ދަޅު)
  • ހަތް ކިލޯގެ މަސްތުވާތަކެތި

ނޫސްވެރިންގެ ބައްދަލުވުމުގައި ޝާކިރު ވަނީ 2011 ވަނަ އަހަރު ވުޖޫދުވި މަސްތުވާތަކެތީގެ ގާނޫނުގެ ތެރެއިން ކަންކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

"މި ގާނޫނާއި މަސްތުވާތަކެތީގެ މިއަދުގެ ޓްރެފިކިން ދުނިޔޭގެ ޓްރެންޑްގައި މިހުރި ގޮތާއި އަދި ރާއްޖޭގައިވެސް އެކަންކަން އޮތް ގޮތަށް ބަލާއިރު އެ ގާނޫނުގެ ތެރެއިން މިކަންކަން ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި އަޅުގަނޑުމެންނަށް،" ޝާކިރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ގޮތުގައި ބަލަނީ ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ މަސްތުވާތަކެތި ކަމަށާއި ޖަދުވަލުގައި ނުހިމެނޭ މަސްތުވާތަކެތި އެތެރެކުރި ނަމަވެސް ގާނޫނީ މިންގަނޑުން އެފަދަ މައްސަލަތަކުގައި މަސައްކަތް ނުކުރެވޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުގައި އަދި ބެސްޓް ޕްރެކްޓިސްގައިވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައިވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ ގާނޫނަށް އިސްލާހުކުރުމުގެ މަސައްކަތް ދިރާސާކުރެވި މިހާރު އެ މަސައްކަތް ނިމިފައިވާ ކަމަށެވެ.