ރާއްޖެ ކުޅިވަރު

ޝައިހް ސަލްމާނަށް ވޯޓުލާން އެފްއޭއެމުގެ ޓީމު ޒިއުރިކަށް

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އަށް އާ ރައީސަކު ހޮވަން މާދަމާ ބާއްވާ އިންތިބާހުގައި ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އަށް ވޯޓުލާން އެފްއޭއެމުގެ ޓީމު ރޭ ސްވިޒަލޭންޑަށް ފުރައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އަލީ އުމަރާއި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.

އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ޝައިހް ސަލްމާން އަށް ވޯޓު ދޭން ރާއްޖެ ނިންމާފައިވާއިރު އޭޝިޔާގެ ހުރިހާ ގައުމަކުން ވެސް ސަލްމާން އަށް ވޯޓުދޭން ވަނީ އެއްބަސްވެފަ އެވެ. އަދި ސަލްމާނަށް ތާއީދު ހޯދައިދިނުމަށް އޭއެފްސީ އެގްޒެކްޓިވް ކޮމިޓީން ވަނީ ފާއިތުވެދިޔަ ދޮޅުމަހެއްހާ ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު މުހައްމަދު ޝަވީދަކީ އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެކެވެ.

ފީފާގެ މައި މަރުކަޒުގައި ބާއްވާ އިންތިހާބުގައި ފަސް ކެނޑިޑޭޓަކު ވާދަކުރައްވާނެ އެވެ. އެއީ އޭއެފްސީގެ ރައީސް ސަލްމާން އާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި ފީފާގެ ކުރީގެ ނާއިބް ރައީސް ޕްރިންސް އަލީ ބިން އަލް ހުސައިން އާއި ފްރާންސްގެ ޖެރޯމް ޝެމްޕޭން އާއި ޓޯކްޔޯ ސެކްވާލޭ އެވެ.

މީގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ސަލްމާން އެވެ. އެއަށްފަހު އިންފަންޓީނޯ އާއި ޕްރިންސް އަލީ އެވެ. އަނެއް ދެބޭފުޅުންނަށް މާބޮޑު ތާއީދެއްނެތެވެ.

ފީފާގެ 209 މެމްބަރު ގައުމުން ވޯޓުލާ އިންތިހާބު ކާމިޔާބު ކުރެވޭނީ މެދުވެގެން ދެބައިކުޅަ އެއްބައި ވޯޓު ލިބިވަޑައިގެންނެވެ. ނަމަވެސް މިއަދަދަށް އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ނުބެލެވެ އެވެ. އެހެންވެއްޖެނަމަ ދެ ބުރުގައި ވޯޓުލާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ދެ ކެނޑިޑެޓުންގެ މެދުގަ އެވެ.

ޝައިހް ސަލްމާނަށް އޭޝިޔާގެ އިތުރުން އެފްރިކާގެ ގައުމުތަކުން ވެސް ތާއީދު ކުރައްވަ އެވެ. ޔޫރަޕުގެ ގިނަ ގައުމުތަކެއްގެ ތާއީދު އޮތީ އިންފަންޓީނޯ އަށެވެ.

މި އިންތިހާބު ފަސްކޮށްދިނުމަށް ޕްރިންސް އަލީ އިއްޔެ ހުށަހެޅުއްވި ނަމަވެސް އެކަން ކުރެވެން ނެތްކަމަށް ކޯޓް އޮފް އާބިޓްރޭޝަނުން ވަނީ އިއްޔެ ވަނީ ނިންމާފަ އެވެ. ޕްރިންސް އަލީ އިންތިހާބު ފަސްކޮށްދޭން އެދުނީ ވޯޓުލާ ބޫތުތަކުގެ އެތެރެ ނުފެންނަ ގޮތަށް ބަހައްޓާ މައްސަލާގަ އެވެ. އޭނާ ބޭނުންފުޅުވަނީ ޓްރާންސްޕޭރަންޓް ވޯޓިން ބޫތުތައް ބެހެއްޓުމަށެވެ.

ފީފާގެ ރައީސަކު ހޮވަން ވޯޓުލުން މި ބާއްވާނީ 1998 ވަނަ އަހަރުން ފެށިގެން ރައީސްކަން ކުރައްވަމުން އައި ސެޕް ބްލެޓާ މިދޔަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެވީ ޕްރިންސް އަލީއާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވައި ފަސް ވަން ދައުރަކަށް ހޮވިވަޑައިގެންނެވިތާ ތިން ދުވަސް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެވި އެއް ސަބަބަކީ ފީފާގެ ކޮރަޕްޝަން ބޮޑުވެ، އޭނާ އަށް އިންތިހާ އަށް ފިއްތުންތައް ކުރިމަތިވުމެވެ. އޭގެ ފަހުން ފީފާއިން ވަނީ އޭނާ އާއި ނާއިބް ރައީސް މިޝޭލް ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑްކޮށް، އިއްޔެ އެ މުއްދަތު ހަ އަހަރަށް މަދުކޮށްފަ އެވެ.