ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަންކުރުމަށް ޕޮލިސް ބޯޑުން ލަފާ ދީފި އެވެ.
ބޯޑުން މިގޮތަށް ނިންމާފައިވީ ނަމަވެސް ރަސްމީކޮށް އެކަން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ޕޮލިސް ބޯޑަށް ހުށަހަޅާ ނަންތައް ދިރާސާކުރުމަށްފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރު ދެއްވާ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހުގެ 15 ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެކްޓިން ކޮމިޝަނަރުގެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލަވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.