ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ހޯދަނީ އެއާބަސް އޭ330-200 ގެ ފްލައިޓެކެވެ.
މި ފްލައިޓް ހޯދަނީ އެއާލައިންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ. އަދި މި ފްލައިޓް ހޯދަނީ ފަސް އަހަރުގެ މުއްދަތަށެވެ.
ފްލައިޓްގައި އިނޮކޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 20 ސީޓް ހުންނަންވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓު ގެނެސް ފަތުރުވެރިން އަންނަ މަންޒިލުތަކަށް ސީދާ ދަތުރުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ.
ސީޕްލޭންއާއެކު މޯލްޑިވިއަންގައި މިވަގުތު 22 ފްލައިޓް އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް 320 މަރުކާގެ ބޯޓެއް ހިމެނެ އެވެ. މީގެ އިތުރުން އޭޓީއާރް މަރުކާގެ ފްލައިޓާއި ޑޭޝް މަރުކާގެ ފްލައިޓް މޯލްޑިވިއަންގެ ފްލީޓްގައި ހިމެނެ އެވެ.