ޓޫރިޒަމް

އަމާޒަށްވުރެ އިތުރުވީ 78،537 ފަތުރުވެރިން

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް 78،537 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. 2022 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރީ 1.6 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އާއި ރަޝިއާއިންނެވެ. މިއިން ކޮންމެ ގައުމަކުން 209،100 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޗައިނާއިން މިދިޔަ އަހަރު 187،118 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 155،730 ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ފަސްވަނައިގައި އޮތް ޖަރުމަނުން 135،090 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީން 118،412 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 176 ރިސޯޓާއި 809 ގެސްޓްހައުސް އާއި 146 ސަފާރީ އަދި 14 ހޮޓާ އޮޕަރޭޓް ކުރަމުންދިޔަ އެވެ.