ފާއިތުވި ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް 69،780 އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަގާމާ ހަވާލުވެވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ރާއްޖެއަށް ހާއްސަކޮށް މާލެއަށް ގިނަ އަދަދަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީވަމުންދާ ކަމަށެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް 69،780 އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 42،000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ މާލެ ސަަރަހައްދަށް ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުވެސް އައިސް މި ހިސާބުތައް ބަލައިލިއިރު ހަމަ ސިއްސައިގެންދާ ވަރުގެ އަދަދަކަށް ރަޖިސްޓްރީވަމުންދަނީ،" އަމީން ވިދާޅުވި އެވެ.
މާލެ ސަރަހައްދަކީ އެއްގަމު އުޅަނދު ގިނަ ސަރަހައްދަކަށްވާއިރު އެ މިންވަރުގައި ވެހިކަލް އިތުރުވަމުންދާނަމަ މާލެ ސަރަހައްދަށް ނުހިފެހެއްޓޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ގާނޫނުގެ ތެރެއިން އުސޫލުގެ ތެރެއިން ކަންކަން ކުރާނަމަ މި އަދަދަށް ވެހިކަލް ރަޖިސްޓްރީވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިނިސްޓްރީއަށް ލިބޭ ބާރުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމުގެ ކަންކަމަށް މި ސަރުކާރުގައި ގެނައި ބައެއް ބަދަލުތަކާއެކު އުޅަނދު ރަޖިސްޓްރީވާ ޓްރެންޑް ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ.
ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށް ޓެކްޓިކަލް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ހުރިހާ މުއައްސަސާތަކާއެކު ކުރަމުންދާއިރު އެކްސްޕާޓުންގެ ލަފާ ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މާދަމާ އެބަ ސޮއިކުރަން އިންޓަނޭޝަނަލް ފަންޑިންނާއެކީގައި ރާއްޖޭގައި ހާއްސަކޮށް މާލޭ އޭރިއާގައި މި ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށްޓަކައި ޕްރޮފެޝަނަލް އެކްސްޕަޓީޒް ހޯދުމަށް،" އަމީން ވިދާޅުވި އެވެ.
އެ ގޮތުން ލިބޭ ލަފާ ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.