ފުލުހުންގެ މުސާރަ މިއަހަރުގެ މާޗް އެއްވަނަ ދުވަހުން ފެށިގެން ބޮޑުވާނެ ކަމުގައި އޮފީސް އޮފް ދަ ކޮމިޝަނާގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ފުލުހުންގެ މުސާރަ ބޮޑު ނުކުރާ ކަމަށް ނޫހަކު މިއަދު ޝާއިއު ކުރި ހަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ.
ރައީސް ސޯލިހް އޭރު ނިންމާފައި އޮތީ ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް ޔުނީފޯމު އެޅި މުއައްސަސާތަކުގެ މުސާރަތައް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑު ކުރާށެވެ. ރައީސް ސޯލިހްގެ ވެރިކަން ނިމެން އެެއް ދުވަހަށް ވެފައި އޮއްވާ ޕޭ ކޮމިޝަނުން ވަނީ އޭރުގެ ސަރުކާރުން އެކުލަވަލި މުސާރައިގެ އޮނިގަނޑަށް ރުހުންވެސް ދީފަ އެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ފުލުހުންނާއި ސިފައިންގެ މުސާރަތައް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަަހަރަށް ބަހާލައިގެން ބޮޑުކުރުމަށެވެ.
ފުލުހުންގެ މުސާރަތައް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބޮޑުކުރާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ވަނީ ދެއްވާފަ އެވެ.