މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބޮޑު ނިންމުމެއް: 24 ގަޑިއިރު ހުޅުމާލެ ފަޅުތެރެއަށް ފާރަލަނީ

މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށްޓަކައި ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު ބެލެހެއްޓުމަށް ނިންމައިފި އެވެ.

މި ފިޔަވަޅު އެޅުމަށް ނިންމީ ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއަ ފުލުހުންނާ އެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.

މިބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ.

އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލައި ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ނިންމާފައިވެ އެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ވަނީ މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ނިންމާފަ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މި ނިންމުންތައް މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.