އެމްއޭސީއެލް

ހުޅުލޭގެ އިރުއުތުރު ފަރާތުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އަންގައިފި

ހުޅުލޭގެ އިރުއުތުރު ފަރާތުގައި ހުޅުލެ އާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި ވޯޓަ އެރޮޑްރޯމް ފެންސް ޖެހުމަށް ހަރުކޮށްފައިވާ ޕައިލިންގް ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނަގަން އަންގައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރު މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނެެގުމަށް އަންގާފަ އެވެ.

ޗާޓަކާއެކު ނެރުނު އެމްއޭސީއެލް އިން ނެރުނު ސާކިއުލާގައި ވަނީ ޕައިލިން އިން ފެށިގެން އުތުރަށް -- ހުޅުމާލެ ފަޅިއަށް 10 މީޓަރު ނުވަތަ 32 ފޫޓުގެ ދުރުމިނެއް ކަނޑު އުޅަނދު ފަހަރުގެ ރައްކާތެރިކަމަށްޓަކައި ބެހެއްޓުމަށް އަންގާފަ އެވެ.

އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މި ސަރަހައްދުގައި ބަހައްޓާ ކަނޑު އުޅަނދު ފަހަރު ފުލުހުންގެ ހިދުމަތުން ނަގަމުންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.