ހަބަރު

ޓޫރިޒަމް ކުރިއަރުވަން ރާއްޖެއާއި އިންޑިއާ ގުޅިގެން ވޯކިން ގުރޫޕެއް އުފައްދަނީ

އަވަށްޓެރި އިންޑިއާ އާއި ރާއްޖެ ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް ޖޮއިންޓް ވޯކިން ގުރޫޕެއް އުފައްދަން ނިންމާފައިވާ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަހޭޝް ޝަރުމާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު މަހޭޝް ޝަރުމާއާއެކު ބޭއްވި ބައްދަލުވުމަށްފަހު އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވާ މަހޭޝް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާ އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ޖޮއިންޓް ވޯކިން ގުރޫޕެއް އުފައްދަން ނިންމާފައިވާ ކަމަށާއި ދެ ގައުމުން ވެސް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތައް ކުރާނެ ކަމަށް މިނިސްޓަރު މަހޭޝް ވިދާޅުވި އެވެ.

މަހޭޝް ވިދާޅުވީ، ދެ ގައުމަށް ވެސް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކޮށް ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖެއާއެކު އެމްއޯޔޫއެއްގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. "އަވަށްޓެރި ރާއްޖެއާއެކު އޮތީ ވަރަށް ގުޅުމެއް، އެގުޅުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަރަށް އިސްކަމެއް ދެއްވާ،" މަހޭޝް ވިދާޅުވި އެވެ.

މޫސާ ޒަމީރު ވިދާޅުވީ، ދެ ގައުމު ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށާއި މިދިޔަ އަހަރު ރާއްޖެއަށް 50000 ފަތުރުވެރިން އިންޑިއާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. "އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުން،"

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދެމެދުގެ ވައިގެ ދަތުރުފަތުރުތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ވައިގެ ދަތުރުފަތުރުތަކަށް ހެޔޮ ބަދަލު ގެނެސް ފަތުރުވެރިންނަށް ފަސޭހަ ނިޒާމްތަކެއް ގާއިމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމަށް ދެ ގައުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.