ޓޫރިޒަމް

އިންޑިއާގެ އީޒްމައިޓްރިޕް އިން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލައިފި

އިންޑިއާގެ ޓްރެވަލް އެޖެންސީ ކުންފުނި "އީޒްމައިޓްރިޕް" އިން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލައިފި އެވެ.

އީޒްމައިޓްރިޕްގެ ސީއީއޯ ނިޝާން ޕިއްޓީ އެކްސްގައި ވިދާޅުވީ ރާއްޖެއަށް ބުކިން ހެދުން ހުއްޓާލާފައިވާ ކަމަށާއި އެއީ އިންޑިއާއަށްޓަކާ ނިންމި ނިންމުމެއް ކަމަށެވެ.

ރާއްޖެއަށް ބުކިން ހެދުން ހުއްޓާލުމަށްފަހު އީޒްމައިޓްރިޕް އިން ވަނީ ލަކްޝަދީބްގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ފަށާފަ އެވެ.

އީޒްމައިޓްރިޕް އިން ބުކިން ހެދުން ހުއްޓާލީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައެއް ހޫނުވެފައިވަނިކޮށެވެ.

ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.

މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.