ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ކުރިން ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމަށްކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ އެމްބެސެޑާ އެޓް ލާޖް ޑރ. އަލީ ނަސީރު މުހައްމަދާއެކު ކުރިންވެސް ހަމަޖެހިފައި އޮތް ބައްދަލުވުމަކަށް ކަމަށެވެ.
އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނިކޮށެވެ.
މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ޗައިނާ ގައެވެ.
އިންޑިއާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި ސަބަބާ ގުޅޭގޮތުން ސުވާލުކުރަން އެ މިނިސްޓްރީގެ ބައެއް އިސް ބޭފުޅުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ގައުމުގެތަކުގެ މެދުގައި ޑިޕްލޮމެޓިކް އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެއް ގައުމެއްގެ ސަފީރަކު އަނެއް ގައުމެއްގައި ހާރިޖީ ވުޒާރާއަށް ހާޒިރުކުރަނީ ގައުމީ ބޮޑެތި މައްސަލަތަކުގެ އެ ގައުމަކުން ހިތްހަމަނުޖެހޭކަން ހާމަކުރުމުގެ ގޮތުންނެވެ.
ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.
މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.
މައްސަލަ ހޫނުވުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މި ތިން ބޭފުޅުން ވަޒީފާ އިން ސަސްޕެންޑްކޮށް، ބޭރު ގައުމުތަކުގެ ވެރިންނާ މެދު އިހާނެތި ގޮތްގޮތަށް ވާހަކަދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފަ އެވެ.