ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް ބޮއިންގް މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ހޯދަނީ ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓެކެވެ.
މި މަތިންދާބޯޓު ހޯދަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ. އަދި މި މަތިންދާބޯޓު ހޯދަނީ ހަ އަހަރުގެ މުއްދަތަށެވެ.
މަތިންދާބޯޓުގައި އިކޮނޮމިކް އަދި ބިޒްނަސް ކްލާސް ހުންނަންވާނެ ކަމަށާއި ބިޒްނަސް ކްލާސްގައި މަދުވެގެން 15-20 ސީޓް ހުންނަންވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
މަތިންދާބޯޓު ފޯރުކޮށްދޭން ބިޑު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އާ ހަމައަށް ހުޅުވާލާފައިވާއިރު އެ މަތިންދާބޯޓު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފޯރުކޮށްދޭންޖެހެ އެވެ.
ބޮއިންގް 787-8 މަރުކާގެ މަތިންދާބޯޓަކީ 250 ސީޓް ހުންނަ ބޯޓެކެވެ. މިއީ 14،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.
މޯލްޑިވިއަން އަށް ބޮއިންގް މަރުކާގެ ފްލައިޓެއް ހޯދަން އިއުލާނުކޮށްފައިވާއިރު އެ އެއާލައިންގެ ބައިނަލްއަގުވާމި ދަތުރުތައް ފުޅާކުރަން އެއާބަސް އޭ330-200 ގެ ފްލައިޓެއް ފަސް އަހަރުގެ މުއްދަތަށް ހޯދަން މިދިޔަ ޑިސެމްބަރު މަހު އިއުލާނުކުރި އެވެ.
މޯލްޑިވިއަން އަށް އިތުރު މަތިންދާބޯޓު ގެނެސް ފަތުރުވެރިން އަންނަ މަންޒިލުތަކަށް ސީދާ ދަތުރުތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފަ އެވެ.
ސީޕްލޭންއާއެކު މޯލްޑިވިއަންގައި މިވަގުތު 22 ފްލައިޓް އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް 320 މަރުކާގެ ބޯޓެއް ހިމެނެ އެވެ. މީގެ އިތުރުން އޭޓީއާރް މަރުކާގެ ފްލައިޓާއި ޑޭޝް މަރުކާގެ ފްލައިޓް މޯލްޑިވިއަންގެ ފްލީޓްގައި ހިމެނެ އެވެ.