އޮފްބީޓް

ލޭޑީ އެސްއޯއެސް: ރެފިއުޖީންގެ މަންމަ!

މިއީ އިޓަލީ އަންހެނެއްގެ ވާހަކައެވެ؛ އަދި އޭނާގެ ހަޔާތް ބަދަލުކޮށްލި މެސެޖެއްގެ ވާހަކައެވެ. މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ނަވާލް ސޮއުފީއަށް ލިބުނީ ވޮއިސް މެސެޖެކެވެ. އެ މެސެޖް އަޑުއަހާލުމުން ނަވާލަށް ލިބުނީ ހާސް ކަމެކެވެ. އެ ހާސް ކަމުގައި އެ މެސެޖް އިޓަލީ އާއި ތުރުކީ އަދި ގްރީސްގެ ކޯސްޓްގާޑަށް ފޮނުވި އެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

"އެހީވޭ، އަހަރެމެން ގެނބިގެން މަރުވަނީ،" މެސެޖްގައި މީހަކު ބުނާ އަޑު އިވެނީ މިހެނެވެ. މި މެސެޖަކީ 32 އަހަރުގެ ސީރިއާގެ ރެފިއުޖީއެއް ކަމަށް އީމާން ފޮނުވި މެސެޖެކެވެެ. އޭނާ މި މެސެޖް ފޮނުވީ ކުޑަ ބޯޓެއްގައި ހުރެގެނެވެ. އެ ބޯޓު ދަތުރުކުރަމުން ދިޔައީ ތުރުކީން ފުރައިގެން ގްރީސް ހިމެނޭ ޖަޒީރާ ރަށްތަކަށެވެ. ދަތުރު ފެށިތަނުން 34 މީހުން ތިބި އެ ބޯޓު ބަންޑުން ޖަހާލާފައިވެ އެވެ. ބޯޓުގައި ތިބީ ސީރިއާ އަދި އިރާގުގެ ކުދި ބޮޑު އަންހެނުންނާއި ފިރިހެނުންނެވެ.

"ލޭޑީ އެސްއޯއެސް"ގެ ނަމުގައި ނުގުޑާފަދަ އަޒުމެއްގައި ރެފިއުޖީންނަށް އެހީވުމަށް ނަވާލް ނިކުތެވެ. ނަވާލް ބޭނުންވީ ކަނޑުވާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ އެކަމަށް އާ މީހެއް ވެސް ނޫނެވެ. ދެހާސްބާރަ ވަނަ އަހަރު ވެސް ނަވާލް ވަނީ ސީރިއާގެ ބައެއް ސިޓީތަކަށް ގޮސް އިންސާނިއްޔަތަށް މަސައްކަތްކޮށްފަ އެވެ.

ކަނޑުވާ ރެފިއުޖީންނަށް އެހީވުމަށް ނަވާލް ވަނީ އޭނާގެ ފޯނު ނަންބަރު ބަހައި ގިނަ އަދަދެއްގެ ނަންބަރު ދީފަ އެވެ. ރެއެއް ދުވާލެއް ކިޔާނެ ކަމެއް ނެތެވެ. މިހާރު އޭނާގެ ފޯނު އަބަދުވެސް އޮންނަނީ ރިންގްވޭވެ އެވެ. ގުޅަނީ އެހީއަށް ބޭނުންވެފައިވާ މީހުނެވެ. ހާއްސަކޮށް ކަނޑުގައި ހާލުގައި ޖެހިފައިވާ މީހުނެވެ.

އިޓަލީގައި ދިރިއުޅޭ ނަވާލް މިހާރު ގްރީކް އައިލެންޑްސްއަށް ދަތުރުކޮށްފައިވާއިރު، އޭނާއަށް ފޯނު ކޯލެއް ލިބޭއިރަށް އެކަން ގޯސްޓްގާޑަށް ވަގުތުން އަންގަ އެވެ. މިވަރުން ފުއްދާލަނީއެއް ނޫނެވެ. ކޯސްޓްގާޑުން ސަލާމަތް ކޮށްގެން ގެންނަ ރެފިއުޖީންނަށް ދެވެން އޮންނަ އެހީއެއް އޭނާ ފޯރުކޮށް ދެއެވެ. އެ މީހުންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ވެސް ނަވާލެވެ. ފެނާއި ކާއެއްޗެހި ފޯރުކޮށްދެނީ ވެސް ނަވާލެވެ. ރެފިއުޖީންނަށް އަންނައުނާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތި ވެސް ފޯރުކޮށްދެނީ ނަވާލެވެ.

ހިލޭ ސާބަހަށް ނަވާލް ކުރާ މަސައްކަތަކުން ގިނަ ރެފިއުޖީންނެއް ވަނީ ސަލާމަތްވެފަ އެވެ. އޭނާ އެ މަސައްކަތް ކުރަނީ އެއްވެސް އެންޖީއޯއެއް ނުވަތަ އޮގަނައިޒޭޝަނަކާ ގުޅިގެންނެއް ވެސް ނޫނެވެ.

"އަހަރެންނަށް ބަދަލު ލިބެނީ މީހުންގެ ހިތްތަކުން،"

ނަމަވެސް ނަވާލް އެކަނި ފެށި މަސައްކަތާ މިހާރު އިތުރު ހަތަރު މީހަކު ގުޅިފައިވެ އެވެ. އެއީ ސީރިއާގެ ދެ ރެފިއުޖީއަކާއި މިސްރު އަދި ފަލަސްތީނުގެ މީހެކެވެ.

"އެހީވާން އަހަރެންނާއެކު މިހާރު މިއުޅޭ ހަތަރު މީހުންނަކީ ވެސް ވަރަށް ހާލުގައި އުޅިފައި ތިބި މީހުން، އެއީ ވެސް ރެފިއުޖީން،" ނަވާލް ބުންޏެވެ. "އަހަރެންނާ އެކު މަސައްކަތްކުރާ މީހަކީ އަހަރެންނަށް އެހީވާން ގުޅި މީހެއް، އޭނާ ގުޅީ ދަތުރުކުރަމުން ދިޔަ ބޯޓު އަޑިއަށް ދާތީ، އެ ބޯޓުގައި ވެސް 550 މީހުން ތިބި... އެންމެ އުނދަގޫ ކަމަކީ ކަނޑުވާ މީހުން ސަލާމަތްކޮށް އެމީހުން ހަމައަކަށް އެޅުވުން، ނަފްސާނީ ގޮތުން އެމީހުން ތިބެނީ ބިރުވެރިކަމެެއްްގެ ތެރޭގައި،"

ނަވާލް މިދަނީ ރީތި ނަމޫނާއެއް ދައްކަމުންނެވެ. އެއީ ހަގީގަތުގައި ވެސް ރެފިއުޖީންނަށް މަންމައެކެވެ. ޔޫއެންގެ ހައިކޮމިޝަނާ އޮފް ރެފިއުޖީސް (ޔޫއެންއެޗްސީއާރް) އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 530،000 މީހުން ވަނީ ޔޫރަޕަށް ހިޖުރަކޮށްފަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް 30،000 ރެފިއުޖީން ރެފިއުޖީންނަށް ހިޖުރަކޮށްފައިވެ އެވެ. ނަމަވެސް ނަވާލްގެ މަސައްކަތުން ގިނަ ބަޔަކަށް ވަނީ އުފާވެރިކަން ގެނެސްދެވިފަ އެވެ.